އިޓަލީއާއި އިޒްރޭލާ ދެމެދު އިޓަލީގެ އުދިނޭގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގ މެޗުން އިޓަލީ 3-0 އިން މޮޅުވެ، އިޒްރޭލު ވޯލްޑްކަޕުން ކަޓައިފިއެވެ.
އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މެޗު ކުރިއަށް ގެންގޮސްފައިވަނީ ސްޓޭޑިއަމްގެ ފުރާޅުމަތީގައި ސްނައިޕަރުން ބައިތިއްބައިގެން އިޒްރޭލުގެ ޓީމަށް އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީ ދީގެންނެވެ.
އިޒްރޭލުން ޣައްޒާގައި ކުރަމުން އަންނަ ނަސްލު ނައްތާލުމުގެ ހަނގުރާމަ ދެ އަހަރު ދުވަހަށްފަހު ހުއްޓުވުމަށް އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް، މި މެޗަކީ އެންމެ މަތީ ރިސްކް ކެޓަގަރީގައި ބެލެވުނު މެޗެކެވެ.
އިޒްރޭލްގެ ޓީމުގެ ބަސް ސްޓޭޑިއަމަށް ގެންގޮސްފައިވަނީ 13 ފުލުސް ވެހިކަލާއި އެތައް މޮޓޯސައިކަލެއްގެ އެސްކޯޓާއެކު، ސްޕެޝަލް ފޯސަސްގެ ވެހިކަލްތައް ހިމެނޭ ގޮތަށެވެ.
"މިއަދަކީ އަޅުގަނޑުމެންނަށް ފަސޭހަ ދުވަހެއް ނޫން، މި ދުވަސްތަކުގައި ފުލުހުން ކޮށްދިން އިންކްރެޑިބަލް މަސައްކަތަށް ޝުކުރު އަދާކުރަން ބޭނުން." އިޓަލީގެ ކޯޗް ޖެންނާރޯ ގެޓޫސޯ ބުނެފައިވެއެވެ.
އިޓަލީއާއި އިޒްރޭލު މެޗު ކުޅުނު ސްޓޭޑިއަމް މަތީގައި ސްނެއިޕަރުން. ފޮޓޯ: އޭއެފްޕީ
މެޗުގެ ކުރިން އުދިނޭގެ މަގުތަކުގައި ފަލަސްޠީނަށް ތާއީދުކޮށް ގާތްގަނޑަކަށް 10،000 މީހުން ބައިވެރިވި މުޒާހަރާކޮށްފައިވެއެވެ. މި މުޒާހަރާ ނިމުމަކާ ހަމައަށް އައިއިރު، މޫނު ނިވާކޮށްގެން ތިބި 50 ވަރަކަށް މީހުން ފުލުހުންނާ ކުރިމަތިލާން ފެށުމުން، އެމީހުން ރައްކާތެރިކަމާއެކު ދުރުކުރުމަށް ފުލުހުން ވޯޓަރ ކެނަންއާއި ކަރުނަ ގޭސް ބޭނުންކުރަން ޖެހުނުކަމަށް އޭއެފްޕީއިން ރިޕޯޓުކޮށްފައި ވެއެވެ.
އެ ގްރޫޕުން މަސައްކަތްކުރީ ސިޓީގެ ބޭރުގައި އޮންނަ ސްޓޭޑިއަމާ ދިމާއަށް ދިއުމަށް ފުލުހުންގެ ކޯޑަން ފަހަނައަޅައި ދިއުމަށްކަމަށާއި، އެމީހުން މެޓަލް ބެރިއަރތަކާއި އެހެނިހެން ތަކެތި ރަޔަޓް ފުލުހުންނާ ދިމާއަށް އުކައި، ފްލެއަރ ޖަހައި، ކުނި އަޅާ ވަށިގަނޑުތަކަށް އަލިފާން ރޯކުރިކަމަށް ވެސް އޭއެފްޕީއިން ރިޕޯޓުކޮށްފައި ވެއެވެ.
ޕަބްލިކް ބްރޯޑްކާސްޓަރ އާރްއޭއައި އިން ބުނި ގޮތުގައި އެ ތަނުގެ ނޫސްވެރިއަކަށް އަނިޔާވުމާއި ގުޅިގެން ހޮސްޕިޓަލަށް ގެންދަންޖެހުނެވެ.
އިޓަލީއާއި އިޒްރޭލު މެޗު ކުޅުނު ސްޓޭޑިއަމް ބޭރުގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަނީ، ފޮޓޯ: އޭއެފްޕީ
ގިނަ ފިހާރަތަކާއި ރެސްޓޯރަންޓްތަކުން އަންގާރަ ދުވަހު ވިޔަފާރި އަށް ހުޅުވާފައިނުވާއިރު، އަދި ވިޔަފާރިކުރި ތަންތަނުގައިވެސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އައުޓްޑޯ ފަރުނީޗަރު ނުވަތަ އެހެނިހެން ތަކެތި ނެގުން ހިމެނޭ ހަރުކަށި ގަވާއިދުތަކެއް ވަނީ ހިންގާފައެވެ. އިޓަލީއިން އެންމެ ފަހުން އިޒްރޭލާ ދެކޮޅަށް ކުޅުނީވެސް އުދިނޭގައެވެ. މި ތަން ހޮވާފައިވަނީ އިޓަލީގެ އިރުމަތީ އުތުރުގައި، ސްލޮވީނިއާގެ ބޯޑަރާ ކައިރީގައި އޮންނަ ތަނަކަށްވެފައި، މަގުތައް ބަންދުކޮށްގެން ސްޓޭޑިއަމް އެކަހެރިކުރުމަށް ފަސޭހަވާތީއެވެ.
އެ ސަރަހައްދު "ރެޑް ޒޯން" އެއްގެ ގޮތުގައި އިއުލާންކޮށް، ހަރުކަށި ސެކިއުރިޓީ ޗެކްތަކެއް ކުރަންޖެހޭތީ، މެޓަލް ޑިޓެކްޓަރުތަކުން ހުރިހާ އެންމެން ޗެކްކުރަންޖެހޭތީ، ކުރިއާލައި އައުމަށް ސަޕޯޓަރުންނަށް އޮތީ އަންގާފައެވެ. 25،000 މީހުންގެ ޖާގައިގެ ސްޓާޑިއޯ ފްރިއުލީގައި ބޭއްވުނު މި ކޮލިފައިންގ މެޗަށް 10،000 އަށްވުރެ މަދު ޓިކެޓް ވިއްކާފައިވާއިރު، މުޒާހަރާގައި ތިބި މީހުންނަށްވުރެ މެޗު ބަލަން ވަދެތިބި މަދެވެ.
ހަނގުރާމައާ ގުޅިގެން އިޒްރޭލް ސަސްޕެންޑްކުރުމަށް ޔޫއެފްއޭއިން ވިސްނަމުންދާތީއާއި އުދިނޭގެ މޭޔަރު އަލްބަރޓޯ ފެލިސް ޑެ ޓޯނީ މެޗު ފަސްކުރުމަށް ގޮވާލުމާ ގުޅިގެން މި މެޗު ބޭއްވުމާމެދު ޝައްކު އުފެދުނެވެ.
"ތެދުތެދަށް ބުނަންޏާ ފަސޭހައެއް ނުވި... އެތައް ދުވަހެއް ވަންދެން އަޅުގަނޑުމެން ވިސްނަމުން ދިޔައީ މެޗު ނުކުޅެ ދޫކޮށްލަން ޖެހިދާނެކަމަށް،" ގެޓޫސޯ ބުންޏެވެ.
"އަޅުގަނޑުމެން އައީމު، އަޅުގަނޑުމެން ތައްޔާރުވީ މިއީ އުފާވެރި މާހައުލެއް ނޫންކަން އެނގިގެން އަދި އެކަން އަޅުގަނޑުމެންނަށް އިހުސާސްވި."
މެޗު ފެށުމަށް އިޒްރޭލްގެ ޤައުމީ ލަވަ ޖެހިއިރު ބައެއް ސަޕޯޓަރުން ހިމޭނުން ތިބި ނަމަވެސް، ސްޓޭޑިއަމްގައި ތިބި ގިނަ މީހުން އެ އަޑު ކަނޑުވާލަން އަޑުގަދަކޮށް އަތްތިލަބަޑި ޖަހާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!