މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، "ޓްރިޕްލް އެލިމިނޭޓް" ކުރި ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއަދު ކަނޑައަޅައިފިއެވެ.
ޑަބްލިއުއެޗްއޯ އިން އިއުލާނުކުރި ގޮތުގައި އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ މައިންގެ ގައިން ތުއްތުދަރިފުޅަށް އެރުން ރާއްޖޭން މިހާރު ވަނީ ނައްތާލައިފައެވެ.
މި ތިން ބަލީގެ ތެރެއިން އެޗްއައިވީ އާއި ސިފިލިސް މައިންގެ ގައިން ތުއްތު ދަރިންނަށް އެރުން ހުއްޓުވާފައިވާކަން ޑަބްލިއުއެޗްއޯ އިން 2019 ވަނަ އަހަރު ވަނީ ބަލައިގެންފައެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދޮނަމް ގެބްރިޔޭސުސް މި ކާމިޔާބީއަށް ތައުރީފުކުރައްވަމުން ވިދާޅުވެފައިވަނީ މައިންނާއި ތުއްތު ކުދިންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް ރާއްޖޭގެ ސިޔާސީ އިރާދަ ވަރުގަދަ ކަމަށާއި އެކަމަށް ރަނގަޅަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ. މި ތާރީހީ ކާމިޔާބީ ވެފައި މި ވަނީ މި ލަނޑުދަނޑިއަށް މަސައްކަތްކުރާ އެހެން ގައުމުތަކަށް އުއްމީދަކަށް އަދި ހިތްވަރަކަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
Today, the Maldives makes history.
We are proud to be the first country in the world to achieve 'triple elimination' of mother-to-child transmission of HIV, syphilis, and hepatitis B.It is a remarkable milestone officially recognized by the World Health Organization (WHO).… https://t.co/KL2ExiNJEq
— Dr Mohamed Muizzu (@MMuizzu) October 13, 2025
މި ކާމިޔާބީއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ތާރީޚީ ދުވަހެއް ކަމަށެވެ. އަދި މި ތިން ބަލި ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ރާއްޖެއިން ސިއްޙީ ދާއިރާއިން ހޯދި ބޮޑު ކާމިޔާބީއެއްކަމަށް ފާހަގަކުރައްވައިފައިވެއެވެ.
މި މުހިންމު ކާމިޔާބީ ހާސިލުކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެއްވި ހުރިހާ ސިއްޙީ އެހީތެރިންނަށް ރައީސް ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީގެ މުހިންމު މައިލްސްޓޯނެއްގެ ގޮތުގައި ފާހަގަކުރެވިގެންދާނެ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!