އިސްރާއީލުން ގާޒާގައި ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލެވުނު ފަހުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަށް އިސްރާއީލާއި ހަމާސުން އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ޣައްޒާއަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، އިސްރާއީލީ ސިފައިން އެ ސަރަހައްދުން ފޭބުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ބަންދުކޮށްފައިވާ މީހުން ދޫކޮށްލުން ހިމެނެއެވެ.

Ad
rt

މި އެއްބަސްވުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ޣައްޒާ އަލުން ބިނާކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޣައްޒާ ވާނީ މާ ރައްކާތެރި ތަނަކަށް، އަދި އެއީ އަލުން ބިނާކުރެވޭ ތަނަކަށް ވާނެ، އަދި ސަރަޙައްދުގެ އެހެން ގައުމުތަކުން އެތަން އަލުން ބިނާކުރުމަށް އެހީތެރިވާނެ" ޓްރަމްޕް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރި ގަތަރުން ވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ހުރިހާ މާއްދާތަކަކާއި ތަންފީޒުކުރުމުގެ މެކޭނިޒަމްތަކަށް އެއްބަސްވެވިފައިވާކަން ކަށަވަރުކޮށްދީފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ ބުރާސްފަތި ދުވަހު އޭނާގެ ސަރުކާރުން މި އެއްބަސްވުން ފާސްކުރާނެ ކަމަށެވެ.

އޮކްޓޯބަރު 2023 ގައި ފެށުނު މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް މަދުވެގެން 67,183 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 169,841 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރޭގައި އިތުރު އެތައްހާސް މީހުން ވާކަމަށް ބެލެވެއެވެ. އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި 1,139 މީހުން މަރުވެ، ގާތްގަނޑަކަށް 200 މީހުން ހައްޔަރުކުރިއެވެ.

މި އެއްބަސްވުމަކީ މެދުއިރުމަތީގެ ސަރަހައްދުގައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.