ބިދޭސީންގެ ފީތައް ގަވާއިދުން ދައްކާ ވަޒީފާދޭ ފަރާތްތަކަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ ވުޒާރާއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، 1 ސެޕްޓެމްބަރު 2024 ގައި ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން، ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަމުންދަނީ ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، 10 އޮކްޓޯބަރު 2025 ވަނަ ދުވަހުން ފެށިގެން، ގަވާއިދުން ފީތައް ދައްކާ ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.
ދާޚިލީ ވުޒާރާއިން ބުނީ މި އެއްބަސްވުމަށް ގެނެވޭ ބަދަލުތަކުގެ ތަފްސީލު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖް މެދުވެރިކޮށް ވަޒީފާދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ލިބެން ހުންނާނެ ކަމަށެވެ.
ނަމަވެސް ފާއިތުވެދިޔަ މުއްދަތުގައި ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުސަތު ނުލިބޭނެކަމަށް ދާޚީލީ ވުޒާރާއިން ވަނީ ބުނެފައެވެ.
ދާޚިލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވެއެވެ. މީގެތެރެއިން ގަވައިދުން ފީތައް ދައްކަމުން ދަނީ 7،900އެއްހާ މީހުންކަމަށް އެ ވުޒާރާއިން ކުރިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!