ވ. (ފެލިދެއަތޮޅު) ކެޔޮދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ފެލިދެއޮތޮޅު ކެޔޮދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެއީ މިއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެކެވެ. އަދި ކެޔޮދޫގެ ތަރައްގީއާއި ކުރިއެރުމަށް ބިމުގެ ޖާގަ ބޭނުންވާތީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ކެޔޮދޫގެ ތަރައްގީއަށް އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަން ފާހަގަކުރަށްވަމުން، މިގޮތުން، ކެޔޮދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ގާއިމުކުރުމުގެ އެއްބަސްވުމާއި ހަތަރު ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެރަށުގައި އަލަށް ގާއިމުކުރެވޭ ސިއްހީ މަރުކަޒުގައި 20 އެނދު ހިމެނޭނެ ކަމަށާއި، އިތުރު ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސްކޫލްގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައު އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިން މިހާރު ހުރި ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް، ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެއެވެ.

ކެޔޮދޫއަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުންދާ ރަށަކަށްވާތީ، އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ކެޔޮދޫގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވާކަން އެމަނިކުފާނު ވަނީ ޢިއުލާން ކުރަށްވާފައެވެ.

މީގެއިތުރުން، ރައީސްގެ މި ދަތުރުފުޅުގައި ކެޔޮދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.