ސްކޭމް މައްސަލަތަކާ ގުޅިގެން މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މޯބައިލް ފޯނާއި އެހެނިހެން މުވާސަލާތީ ވަސީލަތްތައް ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، އެ މުއައްސަސާއަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަހުގީގުތަކުން، މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީން ބައިވެރިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މިކަމާ ގުޅިގެން 2023 ސެޕްޓެމްބަރު 11 ވަނަ ދުވަހު މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނުން އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާއިރު، ސްކޭމް މަދުކުރުމަށް ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން މިފަދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިންގުމަށް ނިންމާފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި ޖަލުގައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވުމާ ގުޅިގެން، ފުލުހުންނާއި ކަރެކްޝަނަލް ސަރވިސްއިން މިފަދަ ހަރަކާތްތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!