ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން:
އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅިގެން ރަށް ދޫކޮށް އެހެން ރަށަކަށް މީހުން ބަދަލުވެފައި އެބަހުއްޓެވެ. މިފަދަ ކަންތަކުގެ ބަޔާންތައް ތާރީޚީ ލިޔުން ތަކުންނާއި މިޒަމާނުގެ ބައެއް އިލްމުވެރީންގެ ލިޔުއްވުން ތަކުން ފެންނަން އެބަހުއްޓެވެ. އެވާހަކަތަކުގެ ގިނަކަމާ އެކު، އަޅުގަނޑު މި ރިޕޯޓުގައި އަލި އަޅުވާލަނީ މީހުން ބަދަލު ވުމުގެ އޮއިވަރުގެ އެއްބަޔަށެވެ. އެއީ ސަރުކާރުން އަންގަވައިގެން، ނުވަތަ ސަރުކާރުން އެކަމަށް ބާރު އަޅުއްވައިގެން އެއްރަށުން އަނެއްރަށަށް މީހުން ބަދަލުވުމުގެ މައްޗަށެވެ. ހަމައެކަނި މިހިނގާ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި އެކަންޏެވެ.
ފަހެ، ފަހަކަށް އައިސް އެއްރަށުން އަނެއްރަށަށް މީހުން ބަދަލުވުމުގެ އޮއިވަރު ވަނީ، މުޅިރާއްޖޭގައި ވެސް ހިނގާފައެވެ. އެހެންކަމުން ބަލާލަން ފަސޭހަވާނީ ކޮންމެވެސް ތަރުތީބަކުން ފެށިއްޔާކަމަށް ފެންނާތީ، އަޅުގަނޑު ތަރުތީބު ކޮށްފައި މިވަނީ، އުތުރުން ދެކުނަށް ރަށްރަށް ވަކިވަކީން ނެވެ.
ހއ. އަތޮޅު: (ފުރަތަމަ މަރްހަލާ)
ސަރުކާރުން މިމަސައްކަތް ރަސްމީ ސިފައެއްގައި ކުރިޔަށް ގެންދެވުމަށް ޓަކައި، 1968 ވަނަ އަހަރުގައި ފާސް ކުރެއްވި ގާނޫނެއްގައި ވަނީ މިހެންނެވެ.
ބިލް ނަންބަރު: 6/68
ތާރީޚު: 1968 – 02 – 10.
އެރަށެއްގެ ވަޒަންވެރީންގެ ތެރޭގައި ހުކުރު ވާޖިބުވާ، 50 މީހުން ނެތް ކޮންމެރަށެއް ފަޅުރަށެއް ކަމުގައި ހަމަޖެއްސެމުމުގެ ބިލް.
އެރަށެއްގެ ވަޒަންވެރީންގެ ތެރޭގައި ހުކުރު ވާޖިބުވާ، 50 މީހުންނެތް ކޮންމެ ރަށަކީ، ފަޅުރަށެއްކަމުގައި ހަމަޖެއްސުން:
މިބިލަށް އަމަލު ކުރާނީ، 1 މާޗު 1968 މިދުވަހުން ފެށިގެންނެވެ.
މިގާނޫނަށް އަމަލު ކުރެއްވުމުގެ ގޮތުން، ހއ. އަތޮޅުން އެހެން ރަށްރަށަށް މީހުން ބަދަލު ކުރެއްވުމަށް ހަމަޖެއްސެވީ ތިންރަށަކުންނެވެ. އެއީ އުލިގަމާއި ބެރިންމަދޫ އާއި ހަތިފުއްޓެވެ. މިތިންރަށުގެ މީހުން ބަދަލު ކުރެއްވުމަށް ސަރުކާރުން ހަމަޖެއްސެވީ އެއަތޮޅު ދިއްދުވަށެވެ. މި ހަމަޖެއްސެވި ހަމަޖެއްސެވުމުގެ މަތީން، އުލިގަމުގެ އެންމެންނާއި ބެރިންމަދޫގެ އެންމެންނާއި ހަތިފުށީގެ ތިންގެއެއްގެ މީހުން ދިއްދުވަށް ބަދަލު ކުރެއްވިއެވެ. މިމީސްމީހުން ދިއްދުވަށް ބަދަލު ކުރެއްވިކަމަށް ބެލިފައި ވަނީ، 1 އޯގަސްޓް 1968 ގައެވެ.
އުލިގަމު މީހުން ދިއްދުވަށް ބަދަލުކުރެއްވި އިރު އުލިގަމުގައި ތިބީ ޖުމްލަ، 160 މީހުންނެވެ. އެއީ، 89 ފިރިހެނުންނާއި، 71 އަންހެނުން ނެވެ. ބެރިންމަދޫން ދިއްދުވަށް މީހުން ބަދަލު ކުރެވުނު އިރު ބެރިންމަދޫގެ އާބާދީއަކީ، 91 މީހުންނެވެ. އެއީ، 52 ފިރިހެނުންނާއި، 39 އަންހެނުން ނެވެ. ހަތިފުށީގެ އޭރުގެ އާބާދީއަކީ، 138 މީހުންނެވެ. އެއީ، 74 ކުދިބޮޑު ފިރިހެނުންނާއި، 64 ކުދިބޮޑު އަންހެނުން ނެވެ.
ފުރަތަމަ މަރްހަލާ
1968 ވަނަ އަހަރުގައި ފާސްކުރި ގާނޫނުގެ ދަށުން ބެރިންމަދޫގައި އޭރު ދިރިއުޅުނު އެންމެން އެއަތޮޅު ދިއްދުވަށް ބަދަލު ކުރެއްވިއެވެ. ބެރިންމަދޫން މީހުން ބަދަލު ކުރެވުނު އިރު ބެރިންމަދޫގެ އާބާދީއަކީ، 91 މީހުންނެވެ. އެއީ، 52 ފިރިހެނުންނާއި، 39 އަންހެނުންނެވެ. ބެރިންމަދޫ މީހުން ދިއްދުވަށް ބަދަލުކޮށް ނިމުނު ތާރީޚެއް ކަމަށް ބެލިފައި ވަނީ، 1 އޯގަސްޓް 1968 އެވެ.
އޭގެފަހުން ގާނޫނު ނަންބަރު: 2/75 (12 މާޗް 1975) ގެ ދަށުން. މިދެންނެވި ގާނޫނު އުވާލެއްވުމާ ގުޅިގެން ބެރިންމަދޫން ދިއްދުވަށް ބަދަލުވި މީހުން އަލުން ބެރިންމަދޫއަށް ބަދަލުވުމުގެ ހުއްދަ ސަރުކާރުން ދެއްވިއެވެ. މިދެއްވި ހުއްދައިގެ ދަށުން ބެރިންމަދޫ މީހުން އަލުން ބެރިންމަދޫ އަށް ބަދަލުވީ އެވެ. އެތާރީޚެއް ކަމަށް ބެލިފައި ވަނީ، 9 ޖުލައި 1975 އެވެ.
ދެވަނަ މަރްހަލާ
ފަހެ، 1992 އޮކްޓޯބަރ 14 އިން ފެށިގެން 18 އަށް، ތިލަދުންމަތީ އުތުރުބުރިޔަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ބެރިންމަދޫ ރައްޔިތުންނައި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ކޮށްލެއްވި އިޝާރާތާ ގުޅިގެން، ބެރިންމަދޫ ރައްޔިތުން އެއަތޮޅު އުލިގަމަށް ބަދަލުވާން އެދޭކަމަށް އެރަށުގެ ރަށްކުރިއަރުވާ ކޮމެޓީން ނިންމައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓަރޭޝަނަށް ވަނީ ހުށަހަޅާފައެވެ.
25 އޮކްޓޯބަރ 1992 ދުވަހު، ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިޔާގެ ބަދަލު މުޙަންމަދު މޫސާ ބެރިންމަދުއަށް ވަޑައިގެން އެރަށުގައި ތިބި ސަރުކާރުގެ މުވައްޒަފުންނާއި ރަށްކުރިއަރުވާ ކޮމެޓީއާ ބައްދަލު ކުރައްވައި ބެރިންމަދޫން އެހެން ރަށަކަށް ބަދަލުވާން ބޭނުންތޯ ސާފު ކުރެއްވުމުން، ރަށް ކުރިއަރުވާ ކޮމެޓީގެ އިއްތިފާގުން ފާސްވެފައި ވަނީ، ބެރިންމަދުއަކީ، ދިރިއުޅުން ދަތި ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހައްގުތައް ފުރިހަމަ ކުރެވެން ނެތް ރަށަކަށް ވުމާއެކު، އެފަދަ ހައްގުތައް ފުރިހަމަކޮށް ދެވެން ހުރި ރަށަކަށް ބެރިންމަދޫ މީހުން ބަދަލުވުމަކީ އެމީހުންނަށް ބޭނުންތެރި ވެފައިވާ، އަދި އެމީހުން ވަރަށް ބޮޑަށް އެދޭ ކަމެއްކަމަށެވެ.
ބެރިންމަދޫން އެހެން ރަށަކަށް ބަދަލުވުމަށް ރަށް ކުރިއަރުވާ ކޮމެޓީން ފާސްވުމާ ގުޅިގެން ހަމަ އެދުވަހު، ބެރިންމަދޫ ރައްޔިތުންނާއި ބައްދަލުކޮށް، އެކަމާ މެދު، ރައްޔިތުންގެ ޚިޔާލު ހޯދުނެވެ. ބެރިންމަދޫގެ ރަށްވެހިންގެ ގޮތުގައި އޭރު ރަޖިސްޓްރީ ކުރެވިފައި ވަނީ، 158 މީހުންނެވެ. މީގެތެރެއިން، 16 އަހަރުން މަތީގެ ތިބީ، 85 މީހުންނެވެ. މިދުވަހު ރަށުގައި ތިބީ، 16 އަހަރުން މަތީގެ، 55 މީހުންނެވެ. 30 މީހުންވަނީ ރަށުންބޭރުގަ އެވެ. އާންމު ޚިޔާލު ހޯދުމަށް ބައްދަލުކުރި މީހުންގެ ތެރެއިން، 39 މީހުންނަކީ، ބެރިންމަދޫން އެހެން ރަށަކަށް ބަދަލުވާން އެދި ސޮއިކޮށްފައިވާ މީހުންނެވެ. ބެރިންމަދޫގައި އޭރު މީހުން ދިރިއުޅެނީ، 22 ގޭގައެވެ. އޭގެ ތެރެއިން، 18 ގޭގައި ދިރިއުޅޭ ފަރާތްތަކުން އެހެން ރަށަކަށް ބަދަލުވާން އެދި ސޮއިކޮށްފައި ވެއެވެ.
ބެރިންމަދޫން އެހެން ރަށަކަށް ބަދަލުވުމުގައި ބެރިންމަދޫގެ ގިނަ އަދަދެއްގެ ބަޔަކު ހިތްހަމަ ޖެހެނީ ކެލާ އާއި މޮޅަދޫ އެވެ. ފިއްލަދު އާއި ހދ. ހަނިމާދުއަށް ބަދަލުވުމުގައި ވެސް މާބޮޑު އިންކާރެއް ނުކުރެއެވެ.
ބެރިންމަދޫ މީހުން ބަދަލު ކުރާނެ ވަކި ރަށެއް އޭރު ހަމަޖައްސާފައެއް ނެތެވެ. އޮތީ އެ ރަށުގެ މީހުން އެދޭ ރަށަކަށް ބަދަލު ކުރާގޮތަށެވެ. މިކަމާ ގުޅިގެން ބެރިންމަދޫގެ ގޯތި ގެދޮރު ވަނީ، އިދާރީގޮތުން އަގުމަގުކޮށް ނިމިފައެވެ. އެހެނަސް މީސްމީހުންގެ އަމިއްލަ ރުއްގަސް އަގު ކުރެވިފައެއް ނެތެވެ. ގެދޮރު އަގުމަގުކޮށް ނިމުމާއެކު ބެރިންމަދޫގައި އިތުރު އިމާރާތް ނުހެދުމަށާއި އިތުރު މަރާމާތު ނުކުރުމަށް އެރަށުގެ ރައްޔިތުންނަށް އެންގުނެވެ.
1993 ވަނަ އަހަރު މެދެއްހައި ތާނގައި އެރަށުގެ ބައެއް ރައްޔިތުންގެ ޝަކުވާ ސަރުކާރަށް ހުށަހެޅެން ފެށިއެވެ. އެއީ އެ މީހުންގެ ގެދޮރު އަގުކުރެވި އެހެން ނަމަވެސް ރަށުން މީހުން ބަދަލު ކުރެއްވުމުގެ އެއްވެސް ކަމެއް ނުހިނގާތީ އެވެ. އަދި މަރާމާތު ނުކުރެވި އެމީހުންގެ ގެދޮރު ވީރާނާ ވަމުންދާތީ އާއި ގެދޮރު ހެދުމަށް އެމީހުން ހޯދާފައިވާ ބައެއްތަކެތި ހަލާކު ވަމުން ދާތީއެވެ.
ފަހެ، އޭގެފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ވަނީ، ގޯތި ހެދުމަށާއި މަރާމާތުކުރުމަށް ބެރިންމަދޫގެ ރައްޔިތުންނަށް ހުއްދަ ދެއްވާފަ އެވެ. އެހެނަސް އަމަލީ ގޮތުން އެރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާތަނަށް ހިންގިފައެއް ނުވެއެވެ. 1996 ވަނަ އަހަރުގެ ނިޔަލަށް ބެރިންމަދޫގެ އާބާދީއަކީ، 177 މީހުންނެވެ.
ތިން ވަނަ މަރްހަލާ (ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމްގެ ލިއުމަށް އިތުރު ކުރެވިފައިވާ ބައެއް)
ހއ. ބެރިންމަދޫ އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ނޫޅޭ ރަށެއްގެ ގޮތުގައި 1994 ވަނަ އަހަރު އިޢުލާން ކުރެވި ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްރަށަށް ދެވޭ އެވޯޑް ހާސިކޮށްފައިވާ ރަށެކެވެ. 2006 ވަނަ އަހަރު ބެރިންމަދޫ މީހުން ހއ. ހޯރަފުއްޓަށް ބަދަލުކުރުމަށްފަހު ޖެހިގެން އައި އަހަރު އެރަށް ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފައި އެވެ. އެހެންނަމަވެސް ފަހުން އެރަށުގެ ބަދަލުގައި އެފަރާތަށް އެހެން ރަށެއް ވަނީ ދީފައި އެވެ.
2017 ވަނައަހަރު ބެރިންމަދޫ ވިއްކާލުމަށް ނިންމާފައިވާކަން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ އިރު، އެރަށުގައި ހަދާ ރިސޯޓުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ދެނެގަނެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ބެލެވޭ ގޮތުގައި އެތަނުގައި ރިސޯޓު ޑިވެލޮޕްކުރުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ހިނގާފައިވެއެވެ.
_________________________
ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމްގެ ބަސްކޮޅެއް
މިރިޕޯޓު ލިޔުނީ، 1 ޖެނުއަރީ 1999 ގައި، އަޅުގަނޑު އިލްޔާސް ހުސައިން އިބްރާހީމް، ޖަވާހިރުވާދީ މާލެ އެވެ. މި ރިޕޯޓަށް މައުލޫމާތު އެއްކުރެވިފައި ވަނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ނާއި ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުންނާއި ރާއްޖޭގެ އަތޮޅުތަކުގެ އަތޮޅު އޮފީސް ތަކުންނާއި ރަށުއޮފީސް ތަކުންނެވެ. ފަހެ، މިއީ، އޮނަރަބްލް އަބްދުއްރަޝިދު ހުސައިން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުގައި މިނިސްޓަރެއްގެ ހައިސިއްޔަތުން ހުންނަވައި، އަޅުގަނޑަށް އަމުރުކުރެއްވި ހިނދު، އަޅުގަނޑު ކުރި ބުރަ މަސައްކަތެއްގެ ނަތީޖާއެވެ. މިތާނގައި އަޅުގަނޑު މިގެނެސްދެނީ، ފަހުތިބީންނަށް މި މަސައްކަތަކީ ހެޔޮދަރުމަ ހުރި ކަމަކަށް ވާނެތީއެވެ. އަދި ރާއްޖޭގައި އެއްފަސް ކުރުމުގެ ކަންކަން ހިނގަމުން އައިގޮތުގެ ފެށުން، ހިނގާދިޔަ ގޮތުގެ ތާރީޚީ ފައިދާތަކެއް ހޯދަން ބޭނުންވާ ބަޔަކަށް ފައިދާކުރާނެ އަގުހުރި މަސައްކަތަކަށް ވާތީއެވެ. އަޅުގަނޑުގެ އަމިއްލަ ސައިޓްގައި މިރިޕޯޓު މިގެނެސް ދެނީ ފަހެ، އެމަގްސަދުގަ އެވެ.
_________________________
އިދާރީ ނޯޓެއް: މ.ޖަވާހިރުވާދީ، އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމަކީ، މަޖީދިއްޔާ ސްކޫލާއި ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއާއި މަދީނާ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރައްވާފައި ބޭފުޅެކެވެ. ރާއްޖޭގެ އިސްލާމީ މަރުކަޒު ހުޅުވުމާ ގުޅިގެން އެ މަރުކަޒުގެ އިސްލާމިކް ލައިބްރަރީގައި މުސާޢިދު އަމީނުލް މަކްތަބާގެ މަގާމު ގިނަ ދުވަސްތަކެއްވަންދެން ފުރުއްވިއެވެ. އެއަށްފަހު ސިޔާސީ ބައެއް އޮއިވަރުގައި އެތައްފަހަކު ބަންދުވާން ޖެހިވަޑައިގަތެވެ. އޭގެ ފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ލީގަލް ސެކްޝަނާއި ރީސެޓްލްމަންޓް ސެކްޝަންގެ އިސްވެރިއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެންބަރުކަން ވެސް ކުރެއްވިއެވެ. އޭގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންކަމުގެ މަޤާމު ވެސް ފުރުއްވާފައި ވެއެވެ.
ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމް ވަނީ، [މަންތިރި] ނަމުގައި ސިޔާސީ މަޖައްލާއެއް ރަޖިސްޓްރީ ކުރައްވައި ޗާޕްކުރައްވައި ނެރުއްވަން މަސައްކަތް ކުރެއްވިއެވެ.
ޝައިޚު އިލްޔާސް ޙުސައިން އިބްރާހީމްގެ މިލިޔުން، ނަކަލުކޮށްފައި މިވަނީ، އޭނާގެ ވެބްސައިޓުންނެވެ. "ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން" މިސިލްސިލާގެ ދަށުން މިގެނެސްދެނީ "އެއްފަސްކުރުން" މިސުރުޙީގެ ދަށުން ލިޔެފައިވާ ލިއުމުގައި ތިލަދުންމައްޗައް ނިސްބަތްވާ ރަށްރަށާއި ބެހޭގޮތުން ހިމަނާފައިވާ މަޢުލޫމާތެވެ. އެގޮތުން މި ލިއުމުގައި މިވަނީ "ހއ. ބެރިންމަދޫ" އާއި ބެހޭގޮތުން ހިމަނާފައިވާ މަޢުލޫމާތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!