ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޭދޫ ޕޮލިސް ޕޯސްޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން މި މަހު 7 ވަނަ ދުވަހު ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި، ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / ޒަމާނީވިލާ، މުޙައްމަދު ޝާމް (27އ) އެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށިން ފުރައިގެން ފޭދޫއަށް ދިޔަ ފެރީ ދޯންޏަކުން ފޭބި އިރު، ހުއްޓުވައި ބަލައިފާސްކުރުމަށް ފަހުއެވެ. މިގޮތުން ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 11 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!