"ބިންވެރިޔާ ސްކީމް"ގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިންވަކިކޮށް، ބިންތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ހައުސިން މިނިސްޓްރީން މިރޭ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ. ގޯތި ލިބޭ ފައިނަލް ޕްލޮޓްތައް ކަނޑައަޅާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައެވެ.
އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށާފައި ވަނީ 12 ޖުލައި 2025 ގައެވެ. އެއިގެ ފަހުން މިހާތަނަށް 1،260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދީފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ.
ގޯތިތަކުގެ އިންވަކިކޮށް، ސާފުކުރުމުގެ މަސައްކަތް ނިމުމުން، މި ބިންތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!