ހދ. ނޮޅިވަރަމުގެ ދަނޑުވެރިންނަށް ބޭނުންވާ ދަނޑުވެރިކަމުގެ ސާމާނު ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ގޮތުން، އެރަށުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކާ ފިހާރައެއް ގާއިމު ކުރުމަށްޓަކައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ނޮޅިވަރަމް ކައުންސިލްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި އެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި ނޮޅިވަރަމް ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް ޔޫސުފް މޫސާއެވެ.
މި އެއްބަސްވުމުގެ ދަށުން، ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރައެއް ހުޅުވުމަށްޓަކައި، ކައުންސިލްގެ ފަރާތުން ދައްކާ ބިމެއްގައި ފިހާރަ ހިންގުމަށް ޝައުގުވެރިވާ ފަރާތެއް ހޯދައި، އެފަރާތާއެކު އެއްބަސްވުން ހަދައި މަސައްކަތް ފެށުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިންނެވެ.
ވުޒާރާއިން ބުނި ގޮތުގައި، މި ފިހާރައިން ވިއްކާ ތަކެއްޗަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮންނަ ތަކެތިތޯ ބެލުމާއި، ދަނޑުވެރިންނަށް ރަނގަޅު އަގެއްގައި ދަނޑުވެރިކަމުގެ ސާމާނު ލިބޭނެ ގޮތް ހެދުމަށް އެވުޒާރާއިން މޮނިޓަރ ކުރާނެއެވެ.
މީގެ އިތުރުން، މި މަސައްކަތް ވޯކް ޕްލޭނާ އެއްގޮތަށް ކުރިއަށްދާކަން ބަލައި، މޮނިޓަރ ކުރާނީ ނޮޅިވަރަމް ކައުންސިލުން ކަމަށް ވެސް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ފިހާރަ ގާއިމުކުރުމުގެ ސަބަބުން ނޮޅިވަރަމުގެ ދަނޑުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީވުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!