ޖަޕާނުގެ ޓޮޔޯއަކެ ސިޓީން، އެ ސިޓީގެ ރައްޔިތުން މަސައްކަތާއި ސްކޫލް ގަޑިތަކުން ބޭރުގައި ސްމާޓްފޯނު ބޭނުންކުރުން ދުވާލަކު 2 ގަޑިއިރަށް ހަނިކުރުމަށް (ލިމިޓު ކުރުމަށް) ހުށަހަޅައިފި އެވެ.

މި ގޮތަށް ހުށަހެޅުން އިއުލާނުކުރީ، އެސިޓީގެ މޭޔަރު މަސަފުމި ކޯކީ އެވެ. މި ހުށަހެޅުމުގެ މަޤްސަދަކީ ސްމާޓްފޯނު ގިނައިން ބޭނުންކުރުމުގެ ސަބަބުން ކުރިމަތިވާ ނިދުމުގެ މައްސަލަތަކާއި، ޑީޕްރެޝަނާއި ކަންބޮޑުވުންތަކާއި، އަދި ސަމާލުކަން ދަށްވުން ފަދަ ސިއްހީ މައްސަލަތަކަށް ހައްލެއް ހޯދުމެވެ.

Ad
rt

މި ހުށަހެޅުމުގެ ދަށުން، ޕްރައިމަރީ ސްކޫލްތަކުގެ ދަރިވަރުން ރޭގަނޑު 9:00 ގެ ފަހުން ސްމާޓްފޯނު ބޭނުން ނުކުރުމަށް ލަފާދެއެވެ. އަދި ސެކަންޑަރީ އަދި އެއަށްވުރެ މަތީ ގްރޭޑްތަކުގެ ދަރިވަރުން ރޭގަނޑު 10:00 ގެ ފަހުން ސްމާޓްފޯނު ބޭނުން ނުކުރުމަށް އިރުޝާދު ދެއެވެ.

މި ގައިޑްލައިންތަކަކީ ޤާނޫނީ ގޮތުން އަދަބު ލިބޭ ކަންކަމެއް ނޫންކަމަށާއި ސްމާޓް ފޯނު ފަދަ ޑިޖިޓަލް އާލާތްތައް ބޭނުން ކުރުމުގައި ހަރުދަނާ ރައްކާތެރި އާދަތައް ދަރިވަރުންނާއި އާންމުންގެ ކިބައިގައި ހަރުލެއްވުމަށް ބާރުއަޅާ ހޭލުންތެރިކުރުވުމަށް އެކުލަވާލެވޭ ގަވާއިދުތަކެއް ކަމަށް މޭޔަރު ބުނެފައިވެއެވެ.

މި ހުށަހެޅުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ދުވާލަކު 2 ގަޑިއިރަކީ ފިލްމެއް ބެލުމަށް ނުވަތަ ފޮތެއް ކިޔުމަށް ނުވަތަ އޮންލައިންކޮށް އިޖުތިމާއީ ގުޅުންތައް ދެމެހެއްޓުމަށް އެކަށީގެންވާ ވަގުތެއް ނޫނެވެ.

ޖަޕާނުގެ އާބާދީގެ 95 އިންސައްތަ މީހުން ސްމާޓްފޯނު ބޭނުންކުރެއެވެ. ޗިލްޑްރަން އެންޑް ފެމިލީސް އެޖެންސީގެ ސަރވޭއަކުން ދައްކާ ގޮތުގައި ޖަޕާނުގެ ޒުވާނުން ސްކޫލް ދުވަސްތަކުގައި ދުވާލަކު 5 ގަޑިއިރަށްވުރެ ގިނަ ވަގުތު އޮންލައިންކޮށް ހޭދަކުރެއެވެ. މިއީ ލަފާދެވޭ މިންވަރަށްވުރެ މާ ގިނަ ވަގުތެވެ.

ޓޮޔޯއަކެ ސިޓީގެ މި ޤަރާރު ކުރިއަށް އޮތް ހަފްތާގައި ސިޓީ އެސެމްބްލީއަށް ހުށަހެޅޭނެއެވެ. ފާސްވެއްޖެނަމަ، މި މިއަަހަރުގެ އޮކްޓޫބަރު ގައި އަމަލުކުރަން ފެށޭނެއެވެ.