ބ. ދޮންފަނުގެ ޢުމްރާނީ ތަރައްޤީގެ މުހިންމު ދެ މަޝްރޫޢުއްް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް މުޢިއްޒު ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 11 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހަވީރު ދޮންފަނަށް ވަނީ ވަޑައިގެންފައެވެ.

Ad
rt

މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ރައީސް މުޢިއްޒުގެ މި ޒިޔާރަތުގެ ތެރެއިން ދޮންފަނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މި މަޝްރޫޢުތަކަކީ ދޮންފަނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަދި އެ ރަށުގެ ސްކޫލް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢެވެ.

ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ. މި މަޝްރޫޢުގެ އަގަކީ 214 މިލިޔަން ރުފިޔާ ކަމަށްވާއިރު، 720 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމާއެކު، ހިއްކާ ބިމުގެ ވަށައިގެން 1,229 މީޓަރުގެ ރިވެޓްމަންޓަކާއި 125 މީޓަރުގެ ބްރޭކްވޯޓަރއެއް ޤާއިމުކުރެވޭނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 25 މީޓަރުގެ ދެ ފައިކަށްޓަކާއި 15 މީޓަރުގެ އެއް ފައިކަށި އަދި 42 މީޓަރުގެ ޖެޓީއެއް ތަރައްޤީކުރާނެއެވެ.

ދޮންފަނު ސްކޫލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލެވެ.

މި މަޝްރޫޢުގެ ދަށުން ސްކޫލުގައި 6 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލާއި، ލައިބްރަރީ އަދި ސައިންސް ލެބެއް ތަރައްޤީކުރެވޭނެއެވެ.