ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕާ ގުޅުވައިގެން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓްގައިވާ ވާހަކަތައް އެ ޕާޓީގެ ޕީޖީ ގްރޫޕުން ދޮގުކޮށްފިއެވެ.

އައްބާސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕީއެންސީގެ 13 ނުވަތަ 14 މެންބަރަކު މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮކަމަށް ސަރުކާރާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ. އަދި ބުދަ ދުވަހު ބޭއްވުނު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާމެދު މެންބަރުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެއްވި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

Ad
rt

މިކަން ދޮގުކޮށް، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވީ، ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް ކަމަށެވެ. އަދި މެންބަރު އައްބާސްއަށް ޔާމީން ދާދިފަހުން 3 މިލިއަން ރުފިޔާ ދީފައިވާކަމަށް ދެކެވޭ ވާހަކަތަކަށް މި ޕޯސްޓުން ބާރު ލިބޭކަމަށް ވިދާޅުވެ، ތުހުމަތު ކުރަށްވާފަވެއެވެ.

''ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށްހީކޮށް މިފަދަބުހްތާންދޮގުވާހަކަފެތުރުމަކީ ވަރަށްބޮޑުކުށްހީއެއް، މެމްބަރު އައްބާހަށްވަނީ މިފަދަފިތުނަ ފަތުރައިދޭމަތިން ޔާމީނު ދާދިފަހުން އެގެއަށްގެނަގޮސް 3 މިލިއަން ރުފިޔާދީފައިވާ ކަމަށްމިދެކެވޭ ވާހަކަތަކަށް މި މެސެޖުންބާރުއެބަލިބޭ، ޕީއެންސީ ޕީޖީގްރޫޕް އޮތީ އެކަތިގަނޑެށްގޮތަށް ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށްސާބިތުކޮށް ކިތައްމެ ނުބައިޕްލޭންތަކެށް ރާވާމިފަދަ މޮޔައިންލަށްވާ މިފަދަ މެސެޖު ކުރުވިއަސް އިންޝާ ﷲ ކާމިޔާބެއްނުވާނެ،'' ފަލާހް ވިދާޅުވެފަވެއެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އައްބާސް ދައްކަވާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ.

މީގެއިތުރުން، ޕީއެންސީގެ ޕީޖީ ގްރޫޕްގެ އެއް ނައިބު ރައީސް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެފައިވަނީ މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން ޕީޖީ ގްރޫޕް ބަލިކަށިކުރެވޭނެ ކަމަށް ދެކުމަކީ މޮޔަކަމެއް ކަމަށެވެ.

ޕީއެންސީގެ އިތުރު މަޖިލިސް މެމްބަރުން ވެސް ވަނީ އައްބާސްގެ ވާހަކަތައް ދޮގުކުރަށްވައި މީސްމީޑިއާގައި ވާހަކަދައްކަވާފައެވެ.