ކީރިތި ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ފަރާތްތަކަށް ދެމުން އަންނަ އެލަވަސް ބޮޑުކޮށް، ޖަމާކުރަން ފަށައިފިއެވެ.
ކުރިން ހާފިޒުންނަށް ސަރުކާރުން ދެމުން އައީ 2000 ރުފިޔާގެ އެލަވަންސްއެކެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 4000 ރުފިޔާއަށް ބަދަލުކޮށްފައެވެ.
ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގައި މަޝަވަރާ ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައި، އެކަން އިއުލާން ކުރައްވާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
ހާފިޒުންނަށް ސަނަދު ދިނުމަށް އޮންނަ އުސޫލަށް މި ސަރުކާރުން ވަނީ ބައެއް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ސަނަދު ދެވޭނީ މީގެކުރިން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިހާން ހެދުމަށްފަހުއެވެ. ނަމަވެސް މިހާރު އައިޔޫއެމުން ޤުރުއާން ހިތުދަސްކުރާ ކުދިން، ދަސްވެނިމުމުން ޤުރުއާނާބެހޭ މަރުކަޒުގެ އިމްތިހާން ނުހަދާ ސަނަދު ދެވޭގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.
ހާފިޒުންނަށް ދޭ ސަނަދު އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމަށް މިދިޔަ އަހަރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެމްކިޔުއޭއާއެކު މަޝްވަރާ ވެސް ކުރައްވާފައެވެ. މި މަޝްވަރާތަކަށް ފަހު މިހާރުވަނީ، ހާފިޒުންނަށް ދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ގަބޫލުކުރާ މިންގަނޑަށް ފައްތާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓްއެއްގެ ގޮތުގައި ހާފިޒު ސަނަދު ބަލައިގަތުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!