ހަޤީޤަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އޭނާ ކުރާ ސިޔާސީ މަސައްކަތް ނުހުއްޓުވޭނެކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، އޭނާ އާއި އޭނާގެ ހިއްސާވާ ވިޔަފާރި ކުންފުނި އޮފިޝަލް އިވެންޓްސް އާއި ގުޅުވާ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެ ޕޯސްޓްގައި ޝުޖާޢު ވިދާޅުވެފައިވަނީ، އޭނާ އާއި އަދި އޭނާގެ ވިޔަފާރި ކުންފުނި އޮފިޝަލް އިވެންޓްސްއާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އަސްލެއް އޮތް ނުވަތަ ފޭކް އެއްޗެއްކަން ދެނެގަތުމަށް ދަތިވާ ކަމަށެވެ. އެއީ އެއްވެސް ރަސްމީ އިދާރާއަކުން އެކަމާ ގުޅޭ މަޢުލޫމާތެއް ލިބިފައިނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ޞައްހަ ލިޔުމެއް ނަމަ އެއީ އެމަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެމަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަޤީޤަތް އޮޅުވާލައި އަޅުގަނޑުގެ ޙިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްޞަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކެން، އަޅުގަނޑުމެންގެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކުގެ ތެރެއިން މާތްﷲގެ ވާގިފުޅާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް'' ޝުޖާއު ވިދާޅުވެފަވެއެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ، އޭނާގެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން މަސައްކަތްކުރާ ކުންފުންޏެއް ކަމަށާއި، ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާއި، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައިވެސް އެކި ޕްރޮޖެކްޓުތައް އެ ކުންފުނިން ކާމިޔާބުކަމާއެކު ހިންގާފައިވާ ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކުގެ ބިޑުތައް އޭނާގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށްބޮޑުތަނުން ރަނގަޅުވުންކަމަށް ވުމީ ފެންނަންއޮތް ހަޤީގަތެއްކަމަށާއި، އެކަންކަން އެ ކުންފުނީގެ މަސައްކަތްތަކުން ފެންނާނެކަމަށް ވެސް އޭނާ ވިދާޅުވެފަވެއެވެ.

''ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ވިޔަފާރިކޮށްއުޅުމަށް ލިބިދޭ ޙައްޤުގެތެރެއިން އިރާދަކުރެއްވިއްޔާ ވިޔަފާރި ފުޅާކޮށް ކުރިއަށްއޮތްތަނުގައިވެސް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުގެ އުންމީދެއް'' ޝުޖާޢު ވިދާޅުވެފަވެއެވެ.

ޝުޖާޢު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށްވެސް އެއްވެސް އިދާރާއަކުން މައްސަލައެއް ބަލާފައެއް ނުވެއެވެ. އަދި މިފަދަ ހަޤީޤަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އޭނާ ކުރައްވާ ސިޔާސީ މަސައްކަތް ހުއްޓުވޭނެ ކަމަށް ދުށުމީ މޮޔަކަމެއްކަމުގައި ވެސް އޭނާ ވިދާޅުފަވެއެވެ.