ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް އެމްޓީސީސީ އިން މިއަދު ފަށައިފި އެވެ.

މިއީ އާރްޓީއެލް ފެރީގެ ހިދުމަތް ފެށުނު 11 ވަނަ އަތޮޅެވެ.

Ad
rt

އެމްޓީސީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ބ. އަތޮޅުގައި މިއަދު ފެށުނު ހިދުމަތާ ގުޅިގެން އަހުލުވެރިކުރުމުގެ ދަތުރުތަކެއް ކުރިއަށްދާނެ އެވެ. އަދި އޮގަސްޓް 4 އިން ފެށިގެން އާރްޓީއެލް ފެރީގެ ހިދުމަތް ލިބޭނީ ޓިކެޓު ނަގައިގެންނެވެ. ޓިކެޓު ގަތުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 1 އިން ފެށިގެން އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓު ގަނެވޭނެއެވެ.

އާރުޓީއެލް ފެރީ މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރުވެސް ހިދުމަތް ދެމުން އަންނަ އިރު، ބ. އަތޮޅުގައި ހިދުމަތް ފެށުމާއެކު މުޅި ޒޯން 2 އަށް ހިދުމަތް ފުޅާކުރެވިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިތުރަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ޒޯން 2 ގައި ހިމެނޭ ހަތަރު އަތޮޅުގައި، އެއް އަތޮޅުން އަނެއް އަތޮޅަށް ފެރީ ހިދުމަތް ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މިއީ އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އާރްޓީއެލް ފެރީގެ ހިދުމަތަކީ ރައްޔިތުންގެ ދަތުރުފަތުރުގެ ނިޒާމު ފަސޭހަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ހިދުމަތް ފެށުމާއެކު ރައްޔިތުންނަށް ލުއިފަސޭހަ އަގެއްގައި ރަށްރަށަށް ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.