ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް، ފަތުރުވެރިން މަޑުކޮށްލާނެ ހޮޓަލެއް ތަރައްގީކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނުކުފާނު މިއަދު ނ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އަޕްގްރޭޑް ކުރުމަށްފަހު މިމަހުގެ 8 ވަނަ ދުވަހުވަނީ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. މިކަމަށް އިޝާރާތްކުރަށްވައި ރައީސް ވިދާޅުވީ، އެކަށީގެންވާ ފެންވަރުގެ ރަންވޭއަކާއެކު މާފަރު އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރެވިފައިވާކަމަށެވެ.
ނ. އަތޮޅަކީ ރާއްޖޭގައި ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އަތޮޅުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާފަރު އެއާޕޯޓަށް އިތުރު ކަންކަން ވެސް ބޭނުންވާ ކަމަށެވެ.
މިގޮތުން އިންޓަނޭޝަނަލް ފެންވަރުގެ އެއަރޕޯޓަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އަދިވެސް އެބަހުރިކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރުމާއި، ފަތުރުވެރިން މަޑުކޮށްލާނެ ހޮޓަލެއް ފަދަ އިތުރު ވަސީލަތްތައް ގާއިމުކުރަށްވަން ނިންމަވާފައިވާ ކަމަށެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީއާއެކު، ދެ ފިޔަވައްސަކަށެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓާމިނަލް ހިމެނޭ ގޮތަށް އެއަރޕޯޓު ތަރައްގީކޮށް، ވިޔަފާރީގެ ދަތުރުތައް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ފަށާފައެވެ.
މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި، ރަންވޭއަށް އިތުރު 650 މީޓަރު އިތުރުކޮށް ޖުމްލަ 2850 މީޓަރަށް ދިގުކޮށްފައިވެއެވެ. މިއާއެކު ބޮއިންގ 777-300އީއާރު ފަދަ ބޮޑެތި ފްލައިޓުތައް ޖެއްސޭވަރަށް އެއަރޕޯޓު ވަނީ ތަރައްގީކޮފައެވެ.
މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމާއި އެއަރފީލްޑް ލައިޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މި ފިޔަވަހީގެ ދަށުން ހިމެނެއެވެ. މި މަސައްކަތްތައް ނިމިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، 27.1 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށެވެ.
މި މަޝްރޫޢުގެ ދެ ފިޔަވައްސަށް އަބޫދާބީ ފަންޑުން ޖުމްލަ 76 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީތެރިކަން ދީފައިވެއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަނީ ދިވެހި ސަރުކާރުގެ ކުންފުނި، އައިލެންޑް އޭވިއޭޝަނުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!