ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަހުން، ޗައިނާގެ މަޝްހޫރު ދެ ކުންފުންޏެއް ގުޅިގެން ދަޅުމަސް އުފައްދަން ފަށައިފިއެވެ.

ޗައިނާގެ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓް އާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެން އުފެއްދި މި ދަޅުމަހަކީ، ރާއްޖެއިން އެކްސްޕޯޓްކުރި ކަނޑުމަހުން އުފެއްދި ފުރަތަމަ ސާމްޕަލް ބެޗެވެ.

Ad
rt

މި ދަޅުމަސް އުފެއްދުމާއި ގުޅިގެން ޚާއްސަ ރަސްމިއްޔާތެއް ބޭއްވިފައިވާއިރު، އުފެއްދި ފުރަތަމަ ސާމްޕަލް ބެޗްގެ ދަޅުމަސް ވަނީ ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް އަރުވާފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާފައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މިއީ ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދިޔަ މަގެއްކަމަށެވެ. މި އެއްބަސްވުމާއިއެކު ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ސުންރޭޓަށް ދަށްވެފައިވާ ކަމަށާއި، މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ރައީސުް ޑރ. މުޙައްމަދު މުއިއްޒު އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް އިތުރު އައު މާކެޓްތައް ހުޅުވި، މަހުގެ އަގު އުފުލި، ޑިމާންޑް އިތުރުވެގެންދާނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިހާރު ކުރިއަށް މިދާ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 296 ބާވަތުގެ ސީފުޑް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓްކުރެވޭނެއެވެ. އަދި ރާއްޖޭގައި ސީފުޑް ޕްރޮސެސްކޮށް އަގުއެއްކޮށް (value-added) ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުވެސް ދިވެހި ވިޔަފާރިތަކަށް ލިބޭނެއެވެ.

ޗައިނާގައި ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދަން ފެށުމާއެކު، މި މަސައްކަތުގެ ސަބަބުން ޗައިނާގެ ބާޒާރަށް ދިވެހި މަސް ތަޢާރަފުކުރުމަށް އާ މަގެއް ހުޅުވިގެންދާނެއެވެ.