ފަތުރުވެރިކަން ތަރައްގީކުރަން ބޮޑެތި ލުއިތައް ދިން ތަންތަނުގެ ލިސްޓްގައި ކެލާ ފަޅުގައި ހަދާ ދެ ރިސޯޓު ވެސް ހިމަނައިފިއެވެ.
ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިއުލާން ކުރީ 1 އޭޕްރިލް 2025 ގައެވެ.
އޭގެފަހުން 29 ޖޫން 2025 ގައި އެ ވުޒާރާއިން ވަނީ ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން ފުޅާނުވެ އޮތް އަތޮޅުތަކުގައި އެ ދާއިރާ ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތަކާ އެކު އިތުރު ތަންތަން ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. އެއީ ހއ، ހދ، ށ، ތ، ލ އަދި އައްޑު އަތޮޅުގައި ފަތުރުވެރިކަމަށް ރަށްތައް ތަރައްގީކުރުމަށެވެ. އެ ރަށްތަކުގެ އަގުތައްވެސް ވަނީ މީގެކުރިން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ކުޑަކޮށްފައެވެ.
މިއަދު ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ 29 ޖޫން 2025 ގައި އެ ވުޒާރާއިން ބީލަމަށް ހުޅުވާލުމުގެ އިޢުލާނާއި ބީލަން ހުށަހަޅާ ފަރާތްތަކަށް ދިން އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ފަތުރުވެރިކަމުގެ ރިސޯޓުތައް ކުއްޔަށް ދިނުމާއި، ތަރައްޤީކުރުމާއި، ހިންގުމާއި އަދި މެނޭޖްކުރުމަށް ހުޅުވާލެވިފައިވާ ބީލަމުގެ ލިޔެކިޔުންތަކަށް އިޞްލާޙު ގެނެސްފައެވެ.
މިގޮތުން 29 ޖޫން 2025 ގައި ބީލަމަށް ހުޅުވާލުމުގެ އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ރަށްތަކާއި ފަޅުގެ ސަރަޙައްދުތަކުގެ ލިސްޓަށް ހއ. އަތޮޅު ކެލާ އިން 2 (ދޭއް) ފަޅުގެ ސަރަޙައްދު އިތުރުކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.
މި އިތުރުކުރުމާއެކު އެ ވުޒާރާއިން ބުނީ އެ ލިސްޓްގައި ހިމެނިފައިވާ ރަށްތަކުގައި ކަނޑައެޅިފައިވާ އަދަދަށް އެނދު ހިމެނޭގޮތަށް ފަތުރުވެރިކަމުގެ ރިސޯޓެއް ކުއްޔަށް ދިނުމާއި، ތަރައްޤީކުރުމާއި، ހިންގުމާއި އަދި މެނޭޖްކުރުމަށް ޢާންމުކޮށް ހުޅުވާލައިގެން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
ލުއިތައް ދިން ލިސްޓަށް ކެލާގެ ފަޅުގައި ހަދާ ދެ ރިސޯޓު އިތުރުކުރިއިރު، މި ދެ ރިސޯޓް ތަރައްގީ ކުރުމަށް ކެލާގެ ފަޅުތެރެއިން ހިއްކަން 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ވަނީ ހިމަނާފައެވެ.
ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން ފުޅާނުވެ އޮތް އަތޮޅުތަކުގައި އެ ދާއިރާ ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތައްދީ އެ ލުއިތައް ހާމަކުރަމުން 29 ޖޫންގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައި ވަނީ އޯޕަން ބިޑިން އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްތަކާއި ފަޅުތަކާއި ބިމުގެ ކުއްޔާ ބެހޭ ގަވައިދުގެ ދަށުން އެތަންތަނުގެ ލީޒް އެކުޒިޝަންގެ ހެކްޓަރަކަށް ކަނޑައަޅާފައިވާ ރޭޓުތައް ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން 30 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ ލުއިތަކެއް ވަނީ ދީފައެވެ.
ކްލޯޒް ބިޑިންގެ ދަށުން ދީފައިވާ ލުއިތަކުގެ ތެރޭގައި ތ އަތޮޅުގެ ރަށްރަށަށް ލޮކޭޝަން ޕްރިމިއަމް އުނިކުރުމާއި ހއ، ހދ ،ށ، ތ އަދި އައްޑު އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް އުނިކުރުން ހިމެނެއެވެ. އަދި ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރިމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުމާއި ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 އިންސައްތައަށް ކުޑަކުރުންވެސް ހިމެެނެއެވެ.
އެ ވުޒާރާއިން ބުނީ، ކްރޮސް ސަބްސިޑީ އުސޫލުން ރަށްތަކާއި ފަޅުތައް ދޫކުރާ އިރު 20 އާއި 40 އާ ދެމެދުގެ ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް އުނިކޮށްފައިވާ ކަމަށެވެ. އަދި ހަ އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް ދެ މިލިއަން ޑޮލަރުން އެއް މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އޯޕަން ބިޑިން އުސޫލުން އަދި ކްރޮސް ސަބްސިޑީ އުސޫލުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރަން ދޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވައިފި ނަމަ، އެ މުއްދަތުގައި ދައްކަން ޖެހޭ ކުލި ފަސްކޮށްދޭންވެސް ވަނީ ނިންމާފައެވެ. އަދި ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މާފު ކުރެވޭ އިންސަންތަވެސް 15 އިންސައްތައަށް ވަނީ އިތުރުކޮށްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ ކަމަށެވެ. އެ ލުއިތަކާއެކު ފަތުރުވެރިކަމަށް ތަރައްގީ ކުރަން ހުޅުވާލި އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާވެ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ކްލޯޒް ބިޑިންގެ އުސޫލުން ހއ އަތޮޅުން 2 މަޝްރޫއު، ހދ އަތޮޅުން 5 މަޝްރޫއު، ތ އަތޮޅުން 3 މަޝްރޫއު، ލ އަތޮޅުން 2 މަޝްރޫއު ހުޅުވާލާފައެވެ. އަދި އޯޕަން ބިޑިންގެ އުސޫލުން ހއ އަތޮޅުން 3 މަޝްރޫއު، ހދ އަތޮޅުން 5 މަޝްރޫއު، ށ އަތޮޅުން 3 މަޝްރޫއު، ތ އަތޮޅުން 2 މަޝްރޫއު، އަދި ލ އަތޮޅުން އެއް މަޝްރޫއު ވަނީ ހުޅުވާލާފައެވެ. މި ލިސްޓަށް ކެލާ ފަޅުގައި ތަރައްގީ ކުރާ ދެ ރިސޯޓު އިތުރުވުމުން ހއ. އަތޮޅުގެ މަޝްރޫޢޫގެ އަދަދަކީ މިހާރު 4 އެވެ.
އޯޕަން ބިޑިންގެ އުސޫލުން ދޫކުރާ ރަށްތަކުގެ އަގުތައް އުޅެނީ 1.5 މިލިއަން ޑޮލަރާއި 2.1 މިލިއަން ޑޮލަރާ ދެމެދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!