މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރަމުންދަނިކޮށް އެމީހާ ސަލާމަތްކޮށް، ކުށުގެ ވެށިން ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި، ހިފަހައްޓައި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ، އައްޑޫ ސިޓީ، ފޭދޫ، ސުވާސާގެ، އިބްރާހިމް ސައީދު (48އ) ވަނީ ހައްޔަރުކޮށްފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ.
މާލެއިން އެއްގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތަކަށް މީހަކު ހިފަހައްޓައި އަނިޔާކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރީ 2 ޖުލައި 2025 ގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން، އަނިޔާ ކުރަމުން ދިޔަ މީހާ ހުރި ތަން ހޯދައި، ސަލާމަތްކުރީ އިއްޔެއެވެ. އަދި މި މައްސަލާގައި ސައީދު ހައްޔަރުކުރީ ވެސް އިއްޔެއެވެ.
ހިފަހައްޓައިގެން ގެންގުޅެ އަނިޔާ ކޮށްފައިވާ މީހާއަކީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފަވެއެވެ.
މި މައްސަލައިގެ އިތުރުން މާލޭގެ ގެއެއްގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށްފައި ހުއްޓާވެސް ފުލުހުން ވަނީ އިއްޔެ ސަލާމަތްކޮށްފައެވެ. އެ މައްސަލާގައި މީހަކު އަދި ހައްޔަރިކަމެއް އަދި ނޭނގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!