ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އައި.ޓީ.އީ) ހެޑްކުއާޓާޒްއާއި ކޮލެޖް ސެންޓްރަލްއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސްގެ މި ޒިޔާރަތުގައި، ބޭރުގެ ޤައުމުތަކަށް ހުނަރު ތަރައްޤީކުރުމާއި ވޮކޭޝަނަލް ތަމްރީނު ފޯރުކޮށްދޭ އައި.ޓީ.އީން ވަނީ ދިވެހިރާއްޖެއަށް އިންސްޓިޓިއުޝަނަލް ޕާޓްނަރެއްގެ ގޮތުގައި މަރުޙަބާ ދަންނަވާފައެވެ.
ރައީސް މި ދަތުރުފުޅުގައި، މަތީ ތަޢުލީމާއި ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް، އައި.ޓީ.އީއާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
މި ޒިޔާރަތުގައި، ޚާއްސަކޮށް ދެ ޤައުމުގެ ޙާލަތާ ގުޅޭގޮތަށް، ދެމެހެއްޓެނިވި ގޮތެއްގައި ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު ފޯރުކޮށްދިނުމަށް އައި.ޓީ.އީއިން ދެމުންގެންދާ އެއްބާރުލުމަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ. ވަފުދުގެ ބޭފުޅުން ވަނީ އައި.ޓީ.އީގެ އެކި ސްކޫލްތައްވެސް ބައްލަވާލައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު، މުހިންމު، ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާއިރު، އެމަނިކުފާނު މިއަދު ވަނީ މިއަދު ހެނދުނު ސިންގަޕޫރުގައި ބޭއްވި ދިވެހިރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސް އިއްޔެ ވަނި ސިންގަޕޫރުގެ ރައީސާއި އަދި ބޮޑުވަޒީރާއި ބައްދަލުކުރަށްވާފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!