ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް މިހާރު ވެސް ކުޅެމުން އަންނަ، އަލް ނަސްރާއި ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ، އިތުރު ދެ އަހަރު ދުވަހު އެ ޓީމުގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން 2027 ވަނަ ސީޒަންގެ ނިޔަލަށް އޭނާ އަލް ނަސްރުގައި މަޑުކުރާނެއެވެ.
ރޮނާލްޑޯ އަލް ނަސްރާއި ގުޅިފައިވަނީ 2022 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށް ފަހުއެވެ. އަންނަ ޖުލައިމަހުގެ ނިޔަލަށް ރޮނާލްޑޯ މިހާރު އަލް ނަސްރާއިއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ. އޭނާ އަލް ނަސްރު ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ވެސް މީގެ ދުވަސްކޮޅެއް ކުރިން މީޑިއާގައި ވަނީ ފެތުރިފައެވެ.
ރޮނާލްޑޯ އަލް ނަސްރުގެ އެއްބަސްވުން އައު ކުރުމަށް ފަހު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ހަމަ އެ ޝައުގުވެރިކަމާއި އެ ހުވަފެނާއިއެކު ތާރީހީ ބަދަލެއް ގެނައުމުގެ އުންމީދުގައި އައު ބާބެއް ފެށުނީ ކަމަށެވެ.
އައު އެއްބަސަވުމުގެ ދަށުން ރޮނާލްޑޯއަށް އަހަރަކު 178 މިލިއަން ޕައުންޑް ލިބޭއިރު، އޭގެ ތެރޭގައި ބޯނަސް އާއި މިލްކުވެރިކަމުގެ ހިއްސާ ވެސް ހިމެނެ އެވެ. މި އެއްބަސްވުމުގައި 24.5 މިލިއަން ޕައުންޑްގެ ސޮއިކުރުމުގެ ބޯނަސް އާއި ޕްރައިވެޓް ޖެޓްގެ ހަރަދުތައްވެސް ހިމެނެ އެވެ.
އަލަ ނަސްރަށް މިހާތަނަށް ރޮނާލްޑޯ ވަނީ 111 މެޗު ކުޅެދީ 99 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ މި ސީޒަންގައި ނަސްރަށް ކުޅެދިން 41 މެޗުގައި 35 ލަނޑު ޖަހައިދީ ރަންބޫޓް ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!