މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ "ރައްކާ ރޯޑް ޝޯވ 2025" ށ. އަތޮޅުގައި ފެށިގެން ކުރިއަށް އެބަދެއެވެ.
މި މަހު 20 އިން 28 އަށް ކުރިއަށްގެންދާ މި ރޯޑް ޝޯވ އެ އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެއެވެ. މި ހަރަކާތް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެ އަތޮޅު މިލަންދޫގައެވެ.
މިލަންދޫގައި މިހަރަކާތް ފެށުމުގެ ގޮތުން މިލަންދޫގައި ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ވަނީ ކުޅެފައެވެ. މި މެޗު އިންތިޒާމުކުރުމުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ މެޗު ބެލުމަށް ދަނޑަށް ހާޒިރުވި ފަރާތްތަކުގެ އެއްގަމު އުޅަނދުތައް ގަވާއިދާ އެއްގޮތަށް ޕާކުކުރުމުގައި ހޭލުންތެރިކަން އިތުރުކުރުވުމެވެ.
މި ޕްރޮގްރާމުގެ ތެރެއިން، މިލަންދޫ ސްކޫލާއި ފުނަދޫ ސްކޫލު ދަރިވަރުންގެ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފަހިރާސްތާ ޕްރޮގްރާމް މިލަންދޫގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި، އެ ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ވަނީ ހިއްސާ ކޮށްފައެވެ.
ރައްކާ ރޯޑް ޝޯވގައި، ސްކޫލް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ފަހިރާސްތާ ޕްރޮގްރާމާއި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކާއި ޖަމުއިއްޔާތަކުގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެއެވެ. އަދި ރޯޑް ސޭފްޓީ ހިނގާލުމާއި ރަށްރަށުގައި ބިލްބޯޑު ހަރކުރުމުގެ އިތުރުން ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދާނެއެވެ.
ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް ށ. އަތޮޅުގައި ކުރިއަށް ގެންދަނީ ށ. އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި ރަށްރަށުގެ ވިޔަފާރިވެރިންނާއި ޖަމުއިއްޔާތައް ގުޅިގެންނެވެ.
ރައްކާ ރޯޑް ޝޯވގެ މި އަހަރުގެ ޕާޓްނަރުންނަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި އެމްޓީސީސީ އަދި އުރީދޫ މޯލްޑިވްސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!