މަސްތުވާތަކެތީގެ ތަފާތު ތިން މައްސަލައެއްގައި ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މިގޮތުން ހައްޔަރުކޮށްފައި ވަނީ މާލެއިން ދެ މީހަކާއި ބ. ގޮއިދޫން އެކަކު އަދި ޅ. ނައިފަރުން އެކަކެވެ.

Ad
rt

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭ ގެއެއް ބަަލައި ފާސްކޮށް، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ / މަންޒިލް، އަޙްމަދު ސަމާޙް (38އ) އާއި މާލެ / މ. ޑޭޒީ، މުޙައްމަދު ޖުމައިލް (35އ) އެވެ.

މި ޖޫން މަހު 19 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އެ އޮޕަރޭޝަނުގައި، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތަކެތި ފެނިފައިވާކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 193.3 ގުރާމުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ސަމާޙް (38އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޙައްމަދު ޖުމައިލް (35އ) ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ދެވަނަ މައްސަލައެއްގެ ގޮތުގައި މި ޖޫން މަހުގެ 21 ވަނަ ދުވަހު ގޮއިދޫ ޕޮލިސް ޕޯސްޓުން ގޮއިދޫގައި ހިންގި އެ އޮޕަރޭޝަނެއްގައި ބ. ގޮއިދޫ / ފަތިސް، ޔާމީން ފައިޞަލް (34އ) ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ކަރުދާސްކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ތިން ވަނަ މައްސަލައެއްގެ ގޮތުގައި މި ޖޫން 18 ވަނަ ދުވަހު ނައިފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޅ. ނައިފަރުގައި އޮޕަރޭޝަނެއްގައި ވަނީ ޅ. ނައިފަރު / ސައިލުގެ، އާދަމް އަބްދުއްރައްޒާޤު (25އ) ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައި ނައިފަރު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކޮށް އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 6.1 ގުރާމެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން ބުނިގޮތުގައި މި ތިން މައްސަލަ ވެސް ދަނީ ތަހްގީގުކުރަމުންނެވެ.