ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިމުމުން އެ އެއާޕޯޓަށް ޖައްސާ ފްލައިޓުތައް ޓާމިނަލާ ކައިރި ކުރެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން މިހެން ވިދާޅުވީ ހަނިމާދޫއަށް ޖައްސާ ފްލައިޓުތައް ޓާމިނަލާ ކައިރި ނުވުމުގެ ސަބަބުން ވާރޭ ވެހޭ ދުވަސްތަކުގައި ފަސިންޖަރުންނަށް ދިމާވާ ދަތިތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ހަނިމާދޫ އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ފޭބި ފަސިންޖަރުން ވާރެއާ ތެމިގެން ޓާމިނަލަށް ދާން ޖެހުމުގެ ކަންބޮޑުވުން ހިއްސާކޮށް އާންމު ފަރާތަކުން ކޮށްފައިވާ ޕޯސްޓަށް ރައްދު ދެއްވައި މުބީން ވިދާޅުވީ ފްލައިޓުން ފޭބި ފަސިންޖަރުން ތެމުނު ވާހަކައާ ގުޅޭގޮތުން ޙަޤީޤަތް ސާފުކޮށްލަން ބޭނުންވާ ކަމަށެވެ. އެގޮތުން، ވަރޭ ވެހުނީ ފަސިންޖަރުން ފައިބައިގެން ވަކިހިސާބަކަށް ދިޔަފަހުން ކަމަށާއި ފަސިންޖަރުން ތެމުނީ އޭގެ ސަބަބުން ކަމަށެވެ.
ކުއްލިއަކަށް ވާރޭވެހުމުން، ދެން ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފްލައިޓް ޖެއްސިއިރު ކުޑަކޮށް ވާރޭވެހެމުން ދިޔަނަމަވެސް ފުލައިޓް ޖައްސައި ޕްރޮސީޖާތައް ފުރިހަމަކުރުމަށް ފަހު ފްލައިޓުން ފަސެންޖަރުން ބާލަންފެށީ ވަަރޭ ހުއްޓާލުމުން ކަމަށާއި އެއާޕޯޓް އޮޕަރޭޓަރުގެ ޒިންމާ ރީޖަނަލް އެއާޕޯޓުން އަދާކޮށް ފަސިންޖަރުން އުފުލާ ބަސް ރެޑީކޮށް ސްޓޭންޑްބައިގައި ބާއްވާފައި އޮތް ކަމަށްވެސް މުބީން ވިދާޅުވިއެވެ.
އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ދަތުރުވެރިންގެ ރައްކާތެރިކަމާއި ފަސޭހައަށް ކަމަށާއި ފްލައިޓުތަަކަށް މިހާރު ޓާމިނަލާ ކައިރި ނުކުރެވެނީ ހަނިމާދޫ އެއާޕޯޓު ރީ ޑިވެލޮޕްމަންޓްގެ މަސައްކަތް ކުރިއަށްދާތީ، އޭޕްރަން ޓާމިނަލްއާ ވަރަށް ދުރުގައި އޮތުމުން ކަމަަށްވެސް މުބީން ވިދާޅުވިއެވެ. ނަމަވެސް، ޓާމިނަލްގެ މަސައްކަތް ނިމުމުން ބޯޓުތައް ޓާމިނަލްއާ ކައިރިކުރެވޭނެ ކަމަށާއި މިއީ ވަގުތީ ދަތިކަމެއް ކަމަށް ވިދާޅުވިއެވެ.
މުބީން ވިދާޅުވީ ރީޖަނަލް އެއާޕޯޓްސްގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކެއްގެ ވަސީލަތްތައް ރަނގަޅުކޮށް، ދަތުރުވެރިންނަށް ފަސޭހަ އަދި ރައްކާތެރި ދަތުރުތަކެއް ކުރެވޭނެ މާޙައުލެއް ޤާއިމުކުރުން ކަމަށެވެ. އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރަމުންދާ ކަމަށާއި ހަނިމާދޫ އެއަރޕޯޓުގެ ރީ ޑިވެލޮޕްމަންޓްގެ މަސައްކަތް ނިމުމުން، މިހާރަށްވުރެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!