އަވަށްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓުން، ކޮރޯނާ ވައިރަސްއަކީ އެސްޓޭޓަށް ކުރިމަތިވެފައިވާ ކާރިޘާއެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓުން އެގޮތަށް ކަނޑައެޅި އިރު އެސްޓޭޓުން ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި 3 މީހުންވެސް ވަނީ ޕޮޒިޓިވްވެފައެވެ.

Ad
rt

ކެރެލާއިން ކޮރޯނާއަށް ޕޮޒިޓިވް ވީ ޗައިނާގެ ވުހާން އިން އެނބުރި އެސްޓޭޓަށްއައި އައި 3 ދަރިވަރުންނެވެ.

ކެރެލާއިން މިހާތަނަށް ޓެސްޓުކުރި 140 ސާމްޕަލްގެ ތެރެއިން 46 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. އަދި 3 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

ކެރެލާ ސްޓޭޓުގެ ޑިސާސްޓަރ މެނޭޖްމެންޓް ސެންޓަރާއި ޙަވާލާދީ އިންޑިއާގެ ނިއުސް އޭޖެންސީތަކުން ރިޕޯޓުކުރާގޮތުގައި، ޗައިނާއާއި، ކޮރޯނާވައިރަސް ފެތުރިފައިވާ އެހެން ޤައުމުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި ދަތުރު ކުރި އެސްޓޭޓްގެ މީހުން ހޯދުމަށް ސަރވައިލެންސް ޕްރޮގުރާމެއް ހިންގާ މިހާތަނަށް އައިއިރު 2،239 މީހުން ވަނީ ހޯދިފައިވެއެވެ.

އޭގެ ތެރެއިން 2،155 މީހުންގެ ގޭގައި ކަރަންޓީންކޮށްފައިވާއިރު، ދެންތިބި 84 މީހުން ހޮސްޕިޓަލްތަކުގެ އައިސޮލޭޓް ވޯރޑްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށް އެސެންޓަރުން ބުނެއެވެ.

އޭގެ ތެރެއިން 82 މީހުންނަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި 3 މީހުންނާއި އެކި ގޮތްގޮތުން ދިމާވެފައިވާ މީހުންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ކެެރަލާ ސްޓޭޓުން ކަރަންޓީންގެ މުއްދަތުގެ ގޮތުގައި ހަމަޖައްސާފައިވަނީ 28 ދުވަހެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓަކީ ގިނަ ޢަދަދަކަށް ދިވެހިން ބޭސް ފަރުވާއަށް ދަތުރުކުރާ ޓްރެވެންޑްރަމާއި، ކޮޗިން ނިސްބަތްވާ ސްޓޭޓެވެ. އެ ސްޓޭޓްގެ ޓްރެވެންޑްރެމްގައި ގިނަ ޢަދަދެއްގެ ދިވެހިންވެސް ދިރިއުޅެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް މިހާތަނަށް 17386 މީހުންނަށް ޖެހިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އަދި މި ބަލީގައި މިހާތަނަށް 362 މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.