މޮރޮކޯގެ އިގްތިސާދު ދަށްވުމުން މި އަޟްހާ ޢީދުގައި ގުރުބާނީ ކަތިނުލަން ނިންމައިފިއެވެ.

މިގޮތަށް ނިންމެވީ އެ ޤައުމުގެ ރަސްގެފާނު މުޙައްމަދު 6 އެވެ. ރަސްގެފާނުގެ މި ނިންމެވުމާ ގުޅިގެން މޮރޮކޯގެ ހުރިހާ ގެރި ބަކަރި ވިއްކާ ތަންތަން ވަނީ ބަންދުކޮށްފައެވެ.

Ad
rt

މޮރޮކޯ ރަސްގެފާނުގެ މި ނިންމެވުމަކީ އެ ޤައުމުގެ އިގްތިސާދު ދަށްވުމާއި އެ ޤައުމުގައި ގެރިބަކަރީގެ އާބާދީ ދަށްވަމުންދާތީ އެޅުއްވި ފިޔަވަޅެކެވެ. އެގޮތުން 2022 އިން ފެށިގެން މިހާތަނަށް އެ ޤައުމުގައި ގެރިބަކަރީގެ އާބާދީ ވަނީ 40 އިންސައްތަ ދަށްވެފައެވެ.

މޮރޮކޯގެ ބައެއް ސަރަހައްދުއް ބަނގުރޫޓުވުމާ ވަނީ ކައިރިފައެވެ.

މި ނިންމެވުމާއެކު ބައެއް ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަަށް ބެލެވެއެވެ. އެގޮތުން، އެ ޤައުމުގައި ގެރިބަކަރީގެ ވިޔަފާރި ކުރާ ފަރާތްތަކަަށް އަޟްހާ ޢީދާ ދިމާކޮށް 60 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ އާމްދަނީއެއް ލިބެއެވެ.

މިފަހަރު ވަކިވަކި ފަރުދުންނަށް ގުރުބާނީ ކަތިލުމުގެ ފުރުސަތު ނުދޭން ނިންމަވައި މޮރޮކޯގެ ރަސްގެފާނު ނިންމެވީ ގަނޑުވަރުގައި ދެ ކަންބަޅި ކަތިލުމަށެވެ. އެއީ ރަމްޒީ ގުރުބާނީއެއް ކަމަށާއި އެއް ކަންބަޅި ކަތިލާނީ ރަސްކަމުގެ ނަމުގައި ކަމަށާއި އަނެއް ކަންބަޅި ކަތިލާނީ ޤައުމުގެ ރައްޔިތުންގެ ނަމުގައި ކަމަަށް ރަސްގެފާނު ވިދާޅުވެއެވެ.

މި ނިންމެވުމަށް މޮރޮކޯގެ ދީނީ އިލްމުވެރިންވެސް ވަނީ ތާއީދުކޮށްފައެވެ. އެގޮތުން، ޤައުމުގައި ހައިހޫނުކަން އޮތްނަމަ ނުވަތަ އިގްތިސާދު ފުނޑިގެންދާނެކަމުގެ ބިރުއޮތްނަމަ ގުރުބާނީ ކަތިލުން މެދުކަނޑާލެވޭނެކަމަށް އެ ފަރާތްތަކުން ބުނެއެވެ.