މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ޖޫން މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ) އާއި އދ. މާމިގިލި / ވިލެޖް، އަޙްމަދު ފިރުޝާން (28އ) އާއި އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއި އދ. މާމިގިލި / ކުވައިތު، މުޙައްމަދު މަޙްމޫދު (34އ) އަދި އދ. މާމިގިލި / އެވަރެސްޓް، ޢަލީ ޝާނީޒް (39އ) ހިމެނެއެވެ.

Ad
rt

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މި ފަސް މީހުން ހައްޔަރުކުރުމާއެކު، އެމީހުންނާ ގުޅުންހުރި 7 ތަނެއް ބަލައި ފާސްކުރެވުނެވެ. މި ބަލައި ފާސްކުރުމުގައި ޖުމްލަ 9.68 ގްރާމްގެ މަސްތުވާތަކެތި ފުލުހުންނަށް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރިސްވާން އިބްރާހިމް އާއި މުޙައްމަދު މަޙްމޫދު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމިއެވެ. އަދި އަޙްމަދު ފިރުޝާން، މުޙައްމަދު ޝަހުދު އަދި ޢަލީ ޝާނީޒް 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށްވެސް ކޯޓުން ނިންމިއެވެ.

މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދަނީ އދ. މާމިގިލި ޕޮލިސް ސްޓޭޝަނުންކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.