ޣައްޒާގައި އެހީ ފޯރުކޮށްދޭ ތަންތަނުގައި ކާބޯތަކެއްޗަށް އިންތިޒާރުކުރަމުންދިޔަ ފަލަސްތީނު މީހުންގެ ގަޔަށް އިސްރާއީލުގެ ޖައްބާރު ސިފައިން ބަޑިޖެހުމުން ފަަލަސްތީނުގެ 32 މީހަކު ޝަހީދުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
އިސްރާއީލް ސިފައިން ވަނީ ޣައްޒާގައި އެހީ ބަހަމުން ދިޔަ ދެ ތަނަކަށް އެއްވެފައިވާ ފަލަސްތީނުގެ މީހުންނަށް އަމާޒުކޮށް ޓޭންކަރުތައް ބޭނުންކޮށްގެން ހަމަލާދީފައެވެ.
އާދީއްތަ ދުވަހުގެ ހެނދުނު ޣައްޒާގެ ދެކުނުގައިވާ ރަފާހުގައި އެހީ ބެހުމުގެ ސަރަހައްދެއްގައި އެއްވެފައިވާ އެތައް ހާސް ފަލަސްތީނުގެ އާންމުންގެ ގަޔަށް އިސްރާއީލުގެ ޓޭންކުތަކުން ވަޒަން ޖަހައި، މަދުވެގެން 31 މީހުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވެއެވެ.
އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި، ޣައްޒާ ސިޓީގައި ނެޓްޒަރިމް ކޮރިޑޯގެ ދެކުނުގައިވާ އެފަދަ އެހެން އެހީ ބެހުމުގެ ސަރަހައްދެއްގައި އިސްރާއީލު ސިފައިން ބަޑި ޖެހުމުން ފަލަސްތީނުގެ އިތުރު އެކަކު ޝަހީދުވެފައިވާކަމަށް ޣައްޒާގެ ސަރުކާރުން ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި އެހީ ބަހަމުންދަނީ އިސްރާއީލާއި އެމެރިކާގެ އެހީތެރިކަން ލިބިގެން ހިންގާ، ޣައްޒާގައި ހަރަކާތްތެރިވާ ޚިލާފު އުފެދިފައިވާ ޖަމާޢަތެއް ކަމަށްވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިންނެވެ.
ޖީއެޗްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރު، އެމެރިކާގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ޖޭކް ވުޑްސް، ވަނީ އެހީ ބެހުން ފެށުމުގެ ކުރިން އިސްތިއުފާދީފައިވެއެވެ.
އޭނާ ބުނެފައިވަނީ "އިންސާނިއްޔަތު، ވަކިފަރާތަކަށް ނުޖެހުން، ހަމަހަމަކަން އަދި މިނިވަންކަމުގެ އިންސާނީ އުސޫލުތަކަށް ތަބާވެހުރެ މި ޕްލޭން ތަންފީޒުކުރުމަކީ ނުކުރެވޭނެ ކަމެއްކަން ސާފުވެފައިވާ" ކަމަށެވެ.
އދ. އާއި އެހެނިހެން އެހީދޭ ޖަމާޢަތްތަކުން ޖީއެޗްއެފްއާއެކު މަސައްކަތްކުރުމަށް އިންކާރުކޮށްފައިވެއެވެ. އެ ޖަމާޢަތްތަކުން ބުނެފައިވަނީ ޖީއެޗްއެފްގައި ވަކިފަރާތަކަށް ނުޖެހޭ ސިފަ ނެތްކަމަށާއި، އިސްރާއީލުން ބުނެފައިވާ ޣައްޒާގެ ހުރިހާ ސަރަހައްދެއް ހިފުމުގެ އަސްކަރީ މަޤްޞަދު ހާސިލުކުރުމަށްުމަށް މަގުފަހިކޮށްދިނުމަށް އެ ޖަމާޢަތް އުފައްދާފައިވާކަމަށް ލަފާކުރެވޭ ކަމަށެވެ.
އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 54,381 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 124,054 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ. ފަލަސްތީނުގެ ސަރުކާރުގެ މީޑިއާ އޮފީހުން ޝަހީދުވީ މީހުންގެ އަދަދު 61،700 އަށް އަަރައިފައިވާކަމަށް ވަނީ ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!