މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް އެ ޚިދުމަތްތައް ރަސްމީކޮށް މިއަދު ހަވީރު އިފުތިތާހުކޮށްފިއެވެ.

އޮރެންޖް ހިޔާ ބިލްޑިންގ މިކަމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ.

Ad
rt

މި ހަފުލާގައި މި ޚިދުމަތްތައް އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ސެންޓަރުން ޚިދުމަތް ދެއްވާ ފަރާތްތަކާއި، ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލުކޮށްލައްވައި އެބޭފުޅުންގެ ޝުއޫރުތައް އަޑުއައްސަވާފައެވެ.

ތެލެސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި އޮރެންޖް ހިޔާ ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާއި ހަވާލުކޮށްގެން އެމަސައްކަތް އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި ކުރިއަށްނުދާތީ އެމަސައްކަތް ގައުމީ މަސައްކަތެއްގެ ގޮތުގައި ގައުމީ ދިފާއީ ބާރާއި، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި އެއްމަސްތެރޭގައި އެމަސައްކަތް ނިންމާ ސިފައިން ވަނީ އެތަން ސިއްހީ ވުޒާރާއާއި 8 މެއި 2025 ގައި ރަސްމީކޮށް ހަވާލުކޮށްފައެވެ.

މި ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ޚާއްޞަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްޞަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200ލޭ ޕައިންޓްގައި ހުރި ހުރުން މިހާރު ވަނީ އިތުރު ދެ ސްޓޯރޭޖާއެކު ޖުމްލަ 600 ލޭ ޕައިންޓަށް އިތުރުކުރައްވާފައެވެ. އަދި 5 ނަރުހުންނާއި، 6 ލެބް ޓެކްނީޝަނުން އިތުރުކުރެވި، ދާއިމީކޮށް ހުރުމަށް ފިޒީޝަނެއް ހަމަޖައްސާފައިވެއެވެ. ހަމައެއާއެކު، އިދާރީ ބަޔަށްވެސް މުވައްޒަފުން އިތުރުކޮށް، ސްޓޯރޭޖް ބެލެހެއްޓުމަށްވެސް މުވައްޒަފުން ކުރިއަށްވުރެ އިތުރުކޮށްފައިވެއެވެ. އިތުރުކުރެވުނު މި މުވައްޒަފުންނާއެކު، ސެންޓަރުން ޚިދުމަތް ދިނުމަށް އިތުރު 16 މުވައްޒަފުން ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުންވެސް ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް، ހިލޭ ދަތުރުކުރެވޭނެ ބަސް ކާޑެއް މިހާރު ވަނީ ތަޢާރަފުކޮށް އެފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި ބަހުގެ ޚިދުމަތް މިހާރު ވަނީ ދޭންފަށާފައެވެ.

މާލޭގައި ހުންނަ ތެލެސީމިއާ ސެންޓަރު ހުޅުވައިފައިވަނީ 1994ގައި ކަމަށްވާއިރު، އެ މަރުކަޒުގެ ހިދުމަތްތައް ޒަމާނީ ނުވުމާއި އިމާރާތް ބައުވުމުގެ ކަންބޮޑުވުން އާއިލާތަކުން އައީ ފާޅުކުރަމުންނެވެ. އައު އިމާރާތާއިއެކު މި ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

އެންމެ ޒަމާނީ ފެންވަރުގެ ތެލެސީމިއާ ހިދުމަތްދޭ ތަނެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.