ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގައި، ފެޑެރިކޯ ވަލަވަޑޭ ޖެހި ހިތްގައިމު ލަނޑުން ރެއާލުން މުހިންމު މޮޅެއް ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ.
ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ބާސެލޯނާއެވެ. އެ ޓީމަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި ރެއާލް އޮތީ 32 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. މި ދެ ޓީމްގެ ދެމެދުގައި މިހާރު ހަތަރު ޕޮއިންޓްގެ ފަރަގެއް އޮތްއިރު ކޮންމެ ޓީމަކަށް ވެސް ލީގުގައި ދެން އޮތީ ހަ މެޗެވެ.
ފާއިތުވި ހަފްތާގައި ރެއާލުން ލީގުގައި ޑިޕޯޓިވޯ އަލަވޭސްއާއި ބައްދަލުކުރި މެޗުގައި ރަތްކާޑް ދެއްކުމާއި ގުޅިގެން، ރެއާލްގެ ފޯވާޑް ކިލިއަން އެމްބަޕޭ ރޭ މެޗަށް އޮތީ ސަސްޕެންޑްވެފައެވެ. އެމްބާޕޭއާއި ނުލައި ރެއާލުން ނުކުތްއިރު އެތުލެޓިކް ކްލަބްފެ އެޓޭކްގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ނިކޯ ވިލިއަމްސް ވެސް، އަނިޔާގެ ސަބަބުން ރޭ މެޗުގައި ކުޅެފައިނުވެއެވެ.
ރޭ މެޗުގައި ރެއާލުގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެ ޓީމުން ބިލްބާއޯގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ކީޕަ ސިމޮންއެވެ.
ރެއާލުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެގާރަ މިނިޓަށްވެފައި ވަނިކޮށް، ވިނީސިއަސް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމީ އެ އެޓޭކްގެ ބިލްޑަޕްގައި ރެއާލުގެ އެންޑްރިކް އޮފްސައިޑްގައި ހުރުމުންނެވެ.
މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ބޯޅައެއްގައި ވޮލީ އަކުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން، ރެއާލް މޮޅުކޮށްދިން ލަނޑު ޖެހީ ވަލްވޭޑޭ އެވެ. މިއީ، ޑިސެމްބަރު މަހުގެ ފަހުން ވަލްވޭޑޭގެ ފުރަތަމަ ގޯލެވެ. އަދި، މި ފަހަރު ލީގުގައި ޖެހި ހަ ވަނަ ގޯލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!