ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ހަނި ގޮތަކަށް ކާމިޔާބުކޮށް ރެއާލުން އުންމީދު ދަމަހައްޓައިފިއެވެ. ރޭ އަލަވޭސްގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި އާސެނަލްއާއި ބައްދަލުކުރާ މެޗަށް އަރާމު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ރޭ މެޗުގެ ފުރަތަމަ އެގާރާގައި ރެއާލުން ޖޫޑް ބެލިންހަމްއާއި ވިނީސިއަސް ހިމަނާފައިނުވެއެވެ.
ރޭ މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އެސެންސިއޯ ރެއާލަށް ގޯލެއް ޖަހައިދިން ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލް ކެންސަލް ކޮށްފައެވެ. އެއީ ކޯނަރު ނެގިވަގުތު ރުޑިގާ އަލަވޭސްގެ ކީޕަރަށް ފައުލްކުރުމާއި ގުޅިގެންނެވެ.
މެޗުގެ 38 ވަނަ މިނެޓުގައި އެމްބާޕޭ ކުރި ނުރައްކާތެރި ފައުލަކަށް އޭނާއަށް ވަނީ ރަތްކާޑު ދައްކާފައެވެ. އަލަވޭސްގެ އެންޓޯނިއޯ ބްލާންކޯ އަށް އެމްބާޕޭ ކުރި ފައުލަށް ފުރަތަމަ ދެއްކީ ރީނދީ ކާޑެކެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ވަނީ ރަތް ކާޑަކަށް ބަދަލުކޮށްފައެވެ. މިއީ 2019 ވަނަ އަހަރަށް ފަހު އެމްބާޕޭއަށް ދެއްކި ފުރަތަމަ ރަތްކާޑެވެ.
މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 34 ވަނަ މިނެޓުގައި ޖަހައިދިނީ ކަމަވިންގާއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ދެ ވަނަ ހާފުގައި އަލަވޭސްގެ މަނޫ ސަންޗޭޒަށް ވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އެއީ، މެޗުގެ 70 ވަނަ މިނިޓްގައި ރެއާލްގެ ވިނީސިއަސް އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.
މި މޮޅާއިއެކު ރެއާލުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ހަތަރު ޕޮއިންޓަށް ގާތަށް ޖެހިލާފައެވެ. އެއް ވަނައިގައި އޮތް ބާސާއަށް ވަނީ 31 މެޗުން 70 ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 31 މެޗުން 66 ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!