ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ޕީޖީ) ގެ ދެ ވަކީލަކު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ސަސްޕެންޑުކޮށް ފުލުހުންގެ ތަޙުޤީޤަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ އޮފީހުގެ ދެ ޕްރޮސިކިއުޓަރަކު ޖިންސީ ފުރައްސާރަކުރުމާއި އަޚްލާޤީ މިންގަނޑާ ޚިލާފުވުމުގެ ތުހުމަތުގައި ސަސްޕެންޑުކޮށް، މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

މި މައްސަލަ ބަލަމުން ގެންދަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2021/R-73) ގެ ދަށުން އެކުލަވާލާފައިވާ ސުލޫކީ މައްސަލަ ބަލާ ކޮމިޓީންނެވެ. ކޮމިޓީން މައްސަލަ ބަލައި ނިމެންދެން ދެ ޕްރޮސިކިއުޓަރުން ވަޒީފާއިން ސަސްޕެންޑުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ބަޔާނުގައި ފާހަގަކޮށްފައިވަނީ މި މައްސަލައަކީ ޖިންސީ ފުރައްސާރަކުރުމާއި، ޕީޖީ އޮފީހުން ޤަބޫލުކޮށް ހިފަހައްޓަމުންދާ އަޙްލާޤީ މިންގަނޑާ ޚިލާފުވުމުގެ މައްސަލައެއްކަމަށެވެ. އަދި މި މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަންޖެހޭ ބެލުންތަކެއް ހުރިކަމަށް ފެންނާތީ، އެކަން ޕީޖީ އޮފީހުން ވަނީ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައެވެ. މިހާރު ފުލުހުންގެ ޚިދުމަތުންވެސް ގެންދަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލެއް ޕީޖީ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ސަސްޕެންޑުކުރެވުނު ދެ ޕްރޮސިކިއުޓަރުންގެ ނަންތަކެއްވެސް ހާމަކޮށްފައެއް ނުވެއެވެ.