މާތް الله އެކަމަނާ ދިރުއްވީ ސަބަބެއް އޮވެގެން ކަމަށާ އޭނާގެ ޕާޓީގެ މެމްބަރުންނަށް ދެމުންދާ އަނިޔާއަށް އިންސާފު ލިބޭނެކަމަށް ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ އެ ގައުމުގެ ވަގުތީ ސަރުކާރުގެ އިސް ލަފާދޭ ފަރާތް މުހައްމަދު ޔޫނުސްއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

Ad
rt

ސޯޝަލް މީޑިއާގައި އޭނާގެ ޕާޓީގެ ލީޑަރުންގެ އާއިލާ މެންބަރުންނާ ވާހަކަދައްކަމުން ޔޫނުސްއަށް އަމާޒުކުރައްވާ ހަސީނާ ވިދާޅުވީ، ވަގުތީ ބޮޑުވަޒީރު ޔޫނުސްއަކީ "ރައްޔިތުންދެކެ ލޯބިވާ މީހެއް ނޫން" ކަމަށެވެ.

77 އަހަރުގެ އަވާމީ ލީގު ލީޑަރު ވިދާޅުވީ، ކުރިން ތަރައްޤީގެ މޮޑެލެއްގެ ގޮތުގައި ދެކެވުނު ބަންގްލަދޭޝް މިހާރު ވަނީ "ޓެރަރިސްޓު ގައުމަކަށް" ބަދަލުވެފައި ކަމަށެވެ. "އަހަރެމެންގެ ލީޑަރުންނާއި މަސައްކަތްތެރިން މަރާލަމުންދަނީ އަނިޔާވެރި ގޮތަކަށް. އަވާމީ ލީގު، ފުލުހުން، ވަކީލުން، ނޫސްވެރިން، އެންމެން އަމާޒަކަށްވެފައި މިވަނީ،" އޭނާ ވިދާޅުވިއެވެ.

ކުރީގެ ބޮޑުވަޒީރު ތުހުމަތުކުރެއްވީ ބަންގްލަދޭޝްގައި މީޑިއާ ހަނިކުރަމުންދާ ކަމަށެވެ. "ރޭޕް، މަރު، ވައްކަން، އެއްވެސް ކަމެއް ރިޕޯޓެއް ނުކުރެވޭ. އަދި ރިޕޯޓުކޮށްފިނަމަ، އެ ޓީވީ ޗެނަލް ނުވަތަ ނޫސް އަމާޒަކަށްވާނެ،" އޭނާ ވިދާޅުވިއެވެ.