ފުޓްބޯޅައި ޔޫރަޕްގެ ގަދަބާރެއް ކަމަށްވާ، ލިވަޕޫލް ފުޓްބޯލް ކްލަބުގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ނެރުނު ބަޔާނުގައި ބުނީ ލިވަޕޫލާއިއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފައިވާ ކަމަށެވެ.

Ad
rt

މި ޕާޓްނާޝިޕްގެ ސަބަބުން އެކި ގައުމުތަކަށް ރާއްޖެ އިތުރަށް މަޝްހޫރުވެ، ޓޫރިސްޓުން ގެނައުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް އަދި އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މިކަން ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ލިވަޕޫލާއި އެވަޓަން، ލިވަޕޫލްގެ އެންފީލްޑްގައި ވާދަކުރާ މެޗުގައެވެ. އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.


މި ޕާޓްނާޝިޕްގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100+ މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ޕޓްނާޝިޕްގެ ދަށުން ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނަ ގޮތަށް ބަހައްޓާނެއެވެ. މީގެއިތުރުން ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ބްރޭންޑިންގް ޖަހާ، ލިވަޕޫލްގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓު ކުރާނެއެވެ.

އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޮވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޮވަރުން ހިމެނެ އެވެ. ވިޒިޓް މޯލްޑިވްސްގެ މައި މާކެޓުތަކުގައި އެކަނިވެސް 22 މިލިއަން އެލްއެފްސީ ސަޕޯޓަރުން ތިބޭ ކަމަށް ލަފާކޮށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެއެވެ. މި އޯޑިއަންސްގެ ތެރެއިން އެންމެ 2 އިންސައްތަ މީހުން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް ޕާޓްނާޝިޕްގެ ޓާގެޓް ހާސިލްކުރެވިގެންދާނެއެވެ.