މާރސް އިން ފެންނަ ގަދަ ރަތް ކުލަ އަކީ އެ ޕްލެނެޓްގައި ކޮންމެވެސް ދުވަސްވަރެއްގައި ފެން ހުރިކަމުގެ އަލާމާތެއް ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
މިހާތަނަށް ސައިންސް ޢިލްމުވެރިން ޤަބޫލުކޮށްފައިވަނީ މި ރަތް ކުލަ އުފެދިފައިވަނީ އަޔަން އޮކްސައިޑް ނުވަތަ ދަބަރުގެ ސަބަބުންކަމަށެވެ. ނަމަވެސް، އައު ދިރާސާއަކުން ދައްކައިދޭ ގޮތުގައި މާރސްގެ ރަތް ކުލައަކީ އެ ގްރަހައިގެ ތާރީޚުގައި ފެނުގެ ދައުރު ދެނެގަތުމަށް މުހިންމު ހެއްކެކެވެ.
"ނެޗަރ" ޖާނަލްގައި ޝާއިޢުކުރެވުނު ދިރާސާގެ ދަށުން، ބްރައުން ޔުނިވަރސިޓީގެ ޕޯސްޓްޑޮކްޓޯރަލް ރިސާރޗަރ އަޑޯމަސް ވެލެންޓީނަސްގެ އިސްނެގުމާއެކު ދިރާސާކުރި ޓީމުން ވަނީ މާރސްގެ ހިރަފުސް، ލެބޯޓްރީގައި އުފެއްދުމަށް މަސައްކަތްކޮށްފައެވެ.
ރިޕޯޓުތަކުން ހާމަވާގޮތުގައި މާރސްގެ ޚާއްޞަ ހިރަފުހަށް އެންމެ ރަނގަޅަށް ދިމާވަނީ ބެސަލްޓިކް ހިލައާއި ފެރިހައިޑްރައިޓްގެ މިޝްރަމަކާއެވެ. ފެރިހައިޑްރައިޓަކީ ފެނަށް މުއްސަނދި މާޙައުލެއްގައި އުފެދޭ އަޔަން އޮކްސައިޑްގެ ބާވަތެކެވެ.
ނާސާގެ މާރސް ރިކޮނެސަންސް އޯބިޓަރ އަދި ކިއުރިއޮސިޓީ، ޕާތްފައިންޑަރ އަދި އޮޕޮޗުނިޓީ ފަދަ ރޯވާތަކުން އެއްކުރެވުނު މަޢުލޫމާތަށް ބަލާއިރު، ފެރިހައިޑްރައިޓްގެ ވުޖޫދުން ދައްކައިދެނީ މާރސްގެ ދަބަރުޖެހުމުގެ ޕްރޮސެސް ކުރިން ގަބޫލުކުރެވުނުވަރަށްވުރެ ކުރިން ހިނގާފައިވާކަމެވެ. ފެރިހައިޑްރައިޓަކީ މިހާރުގެ މާރސްގެ ޙާލަތުގައި ދެމިހުންނަ މާއްދާއަކަށްވުމުން، އޭގެ އުފެދުން ހިނގާފައިވަނީ އަދިވެސް އެ ގްރަހައިގެ މަތީގައި ފެން ހުރި ދުވަސްވަރުކަން ފާހަގަކުރެވެއެވެ.
ޔޫރަޕިއަން ސްޕޭސް އޭޖެންސީގެ ޓްރޭސް ގޭސް އޯބިޓަރ އަދި މާރސް އެކްސްޕްރެސްގެ ޕްރޮޖެކްޓް ސައިންޓިސްޓް ކޮލިން ވިލްސަން ބުނާގޮތުގައި، ކުރިއަށް އޮތް އީއެސްއޭގެ ރޮސަލިންޑް ފްރޭންކްލިން ރޯވާ އަދި ނާސާ-އީއެސްއޭގެ މާރސް ސާމްޕަލް ރިޓަރން ފަދަ މިޝަންތަކުން އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ.
ނާސާގެ ޕަރސެވިއަރަންސް ރޯވާ އިން ނަގާފައިވާ ސާމްޕަލްތަކުން ފެރިހައިޑްރައިޓްގެ މިންވަރު ސީދާ މިނެ، މާރސްގެ މޫސުމުގެ ތާރީޚާއި އަދި ކުރީގެ ދުވަސްވަރެއްގައި އެތާ ދިރުން ހުރުމުގެ ފުރުޞަތު ދެނެގަތުމަށް މަގުފަހިވެގެންދާނެކަމަށް ސައިންސްވެރިން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!