ޤާނޫނާ ޚިލާފަށް އިސްރާއީލަށް އެތެރެވާން މަސައްކަތްކުރި އިންޑިއާގެ ރައްޔިތެއް އުރުދުނުގެ ސިފައިން މަރާލައިފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާދިސާގައި މަރުވި މީހާއަކީ ކެރެލާގެ ތުންބާގައި ދިރިއުޅޭ ތޯމަސް ގޭބްރިއެލް ޕެރޭރާ (47) އެވެ. މި ހާދިސާ ހިނގާފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުއެވެ.
އުރުދުނުގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ މިކަމާގުޅިގެން ބަޔާނެއް ނެރެފައެވެ. "ހިތާމަވެރި ޙާލަތެއްގައި އިންޑިއާގެ ރައްޔިތެއް މަރުވެފައިވާކަން އެނގިފައިވޭ" އެކްސް ގައި ނެރުނު އެ ބަޔާނުގައި ބުނެފައިވެއެވެ. މަރުވި މީހާގެ ޢާއިލާއާ އެ އެމްބަސީން ވާހަކަ ދައްކަމުންދާ ކަމަށާއި، މަރުވި މީހާގެ ހަށިގަނޑު އިންޑިއާއަށް ގެނައުމަށް އުރުދުނުގެ ކަމާބެހޭ ފަރާތްތަކާއެކު ވާހަކަދައްކަމުންދާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ޕެރޭރާ އަކީ ވިޒިޓަރ ވިސާއެއްގައި އުރުދުނަށް އައިސް، އޭގެފަހުން އިސްރާއީލަށް ވަނުމަށް މަސައްކަތްކުރި މީހެކެވެ. ޕެރޭރާގެ ގާތް ރަޙްމަތްތެރިޔެއް ކަމަށްވާ މެނަމްކުލަމްގެ އެޑިސަން ވެސް އިސްރާއީލަށް ވަންނަން މަސައްކަތްކުރުމުން ވަޒަންއަރާ ޒަޚަމްވެފައިވެއެވެ. ނަމަވެސް އޭނާއަށް ފަރުވާދިނުމަށްފަހު އިންޑިއާއަށް ފޮނުވާލާފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލްގެ އަނިޔާވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!