ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އޭނާގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ބައެއް މީޑިއާތަކުން އޭނާގެ އިސްތިއުފާގެ ސިޓީ އާންމުކޮށްފައިވާއިރު، އިސްތިއުފާގެ ސިޓީގައި ސުއޫދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމުން ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.
"އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ހިނދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ސުއޫދުގެ ސިޓީގައި ވިދާޅުވެފަވެއެވެ.
ސުއޫދުގެ އިސްތިއުފާ އައިސްފައިވަނީ އޭނާގެ ހަތަރު ސުލޫކީ މައްސަލައެއް ބެލުމާ މެދު ގޮތެއް ނިންމުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު ތާވަލުކޮށްފައި ވަނިކޮށްކަމަށް މައުލޫމާތު ލިބިފަވެއެވެ.
ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހު ޖޭއެސްސީން ވަނީ ސަސްޕެންޑްކޮށްފައެވެ.
ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަށްވާފައި ވަނީ 8 ޑިސެމްބަރު 2019 ގައެވެ.
ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ކޯޓުތަކުގެ ޤާނޫނަށް ބަދަލުގެނެސް ސުޕްރީމް ކޯޓުގެ ބެންޗު 7 އިން 5 އަށް ކުޑަކުރަން ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!