ބޮޑުތިލަދުންމަތީގެ ރަށްތަކުގައި ހަދާފައިވާ އާރުޓީއެލްގެ 21 ފެރީސްޓޮޕް/ފެރީ ޓާމިނަލް ކައުންސިލްތަކާއި ހަވާލުކުރުމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ހަވާލުކޮށްފިއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޓީސީސީއާއި، ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންހުތަކާއި ބެހޭ ވުޒާރާއާ ދެމެދުއެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން، އާރްޓީއެލްގެ ޒޯން އެކެއްގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި ގާއިމްކޮށްފައިވާ ފެރީ ޓާމިނަލްތައް ވަނީ އިދާރީ ދާއިރާތަކާއި ބެހޭ ވުޒާރާއާ ހަވާލުކުރައްވާފައެވެ. އެ ވުޒާރާއިން ނިންމާފައިވަނީ އެ ވުޒާރާގެ ބެލުމުގެ ދަށުން އެ ފެރީ ސްޓޮޕްތައް ކައުންސިލްތަކުން ހިންގާގޮތަށް ބާރު ދިނުމަށެވެ. އެގޮތުން ފެރީ ސްޓޮޕްތަކާއި ފެރީ ސްޓޮޕްތައް ގާއިމްކުރެވިފައިވާ ބިމާއި ގުޅޭ ހުރިހާ ހައްގުތައް ކައުންސިލްތަކުގެ ދަށަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ކޮމާޝަލް އޭރިއާތަކާއި އިންވެގެންވާ ސަރަހައްދު ކުއްޔަށް ދިނުމާއި މާލީ މަންފާ ލިބިގަތުމުގެ ހައްގު ކައުންސިލްތަކަށް ފުރިހަމައަށް ލިބިގެންދާނެއެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. އެންމެ ފަހުން މި ހިދުމަތް ފެށީ ނ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ. އަދި ދެން އެންމެ އަވަހަށް މި ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ރ އަދި ބ އަތޮޅުގައެވެ. މިދެއަތޮޅުގައި ޖުލައި މަސް ނިމުމުގެ ކުރިން ހިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.