ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މި އިސްލާހް ގެނައުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހްގެނައުމުގެ ބިލެއް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި ބިލަކީ އޭނާ އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ.
ސައްތާރު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ރައްޔިތުން ކުރާ އެންމެ ފޮނި އުންމީދު ކަމުގައިވާ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެގެން އައުމެވެ. އަދި މި ބަދަލު އެންމެ އެކަށޭނަ ގޮތެއްގައި ރައްޔިތުންނަށް ލިބިގެންދާނީ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭ ވެސް އެއްގޮތަށް ބަދަލުވެގެން ގޮސްގެން ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.
''އަމިއްލަ ގޮތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ޚާއްޞަ މަޖިލީހުގައި ވެސް ކުރެވުނު ބަހުސްތަކުގައި ބަޔާންކުރެވިފައިވާ ފަދައިން ޤާނޫނުއަސާސީ އަކީ ވަރަށް ފޮނި އުންމީދާއެކު ދިވެހި ލިބިގަތް ޤާނޫނުއަސާސީއަކަށްވާއިރު، ޤާނޫނުއަސާސީން ދިވެހިންކުރާ އެންމެ ފޮނި އުންމީދަކީ ރައްޔަތުންގެ އާންމު ހާލަތު ރަނގަޅުވެގެން އައުންކަމުގައި ދެކޭތީ އެ ބަދަލު އެންމެ އެކަށޭނަގޮތެއްގައި ރައްޔިތުންނަށް ލިބިގެންދާނީ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭ ވެސް އެއްގޮތަށް ބަދަލުވެގެން ގޮސްގެންކަމަށް ދެކޭތީ'' މި ބިލުގެ މަގުސަދެއްގެ ގޮތުގައި ބުނެފަވެއެވެ.
މި ބިލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ގޮތާއި މުއްދަތު ވެސް ހިމަނާފައިވެއެވެ. އަދި ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އަވަސް ކުރުމަށްވެސް ސައްތާރުގެ ހުށަހެޅުއްވުމުގައި ހިމަނާފައިވެއެވެ.
މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. ނަމަވެސް މި ބިލު ފާސްވެއްޖެނަމަ، މި އަދަދަށް ބަދަލު އަންނާނެއެވެ.
މި ބިލު މިއަދުގެ މަޖިލީހުގެ އެޖެންޑާގައި ހިމަނައި ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!