އޮސްޓްރޭލިއާގެ ހުޅަނގު ސަރަހައްދަށް ކެޓަގަރީ 5 ގެ ތޫފާން ޒެލިއާގެ ނުރައްކާ ކުރިމަތިވަމުންދާތީ، އެސަރަހައްދުގެ ރައްޔިތުން ވަރަށް ބޮޑަށް ފަރުވާތެރިވުމަށް އިންޒާރު ދީފިއެވެ. މިތޫފާނުގައި ގަޑިއަކު 320 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުސަތު އޮތްކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.

ޕިލްބަރާ ސަރަހައްދުގެ ޕޯޓް ހެޑްލަންޑާއި ކަރާތާ އާ ދެމެދުން ސައިކްލޯން އެއްގަމަށް އަރާނެކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެއެވެ. މިއީ އޮސްޓްރޭލިއާގެ އެންމެ ބޮޑު ދަގަނޑުގެ އެކްސްޕޯޓް އޮންނަ ބަނދަރު ސަރަހައްދެވެ. ތޫފާން އެއްގަމަށް އަރާނީ ހުކުރު ދުވަހުގެ ދަންވަރު ނުވަތަ ހޮނިހިރު ދުވަހުގެ ހެނދުނުކަމަށް ލަފާކުރެވެއެވެ.

Ad
rt

ބިއުރޯ އޮފް މެޓިއޮރޮލޮޖީ އާއި ކުއްލި ނުރައްކަލުގެ އިދާރާތަކުން ވަނީ މިސަރަހައްދުގެ ރައްޔިތުން ވީހާވެސް ބޮޑަށް ރައްކާތެރިވުމަށް އިންޒާރުދީފައެވެ. މި ތާފާނުގެ ސަބަބުން ވައިގެ ދަތުރުތައް ހުއްޓާލާފައިވާއިރު، ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި ޕޯޓް ހެޑްލަންޑް އާއި ކަރާތާގައި ވަގުތީ ހިޔާވަހިތައް ޤާއިމްކޮށްފައިވެއެވެ.

ވެސްޓަރން އޮސްޓްރޭލިއާގެ ޕްރިމިއަރ ރޮޖަރ ކުކް ވިދާޅުވީ މިއީ ވަރަށް ބޮޑު ނުރައްކަލެއްކަމަށެވެ. "މިއީ ވަރަށް ނުރައްކާތެރި ސިސްޓަމެއް. ވަރަށް ބޮޑު، ވަރަށް ވަރުގަދަ، އަދި ވަރަށް ބޮޑަށް ލަފާނުކުރެވޭ ގޮތަކަށް ދާނެ ސިސްޓަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރުވެސް ގަޑިއަކު 285 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާއިރު، ބިއުރޯ އޮފް މެޓިއޮރޮލޮޖީގެ އެންގަސް ހައިންސް ވިދާޅުވީ މިއީ އެންމެ މަތީ ދަރަޖައިގެ ތޫފާނެއްކަމަށެވެ. "މިއަށްވުރެ ގަދަ ތޫފާނެއް ނާދޭ. މިއީ އެންމެ ވަރުގަދަ ޓްރޮޕިކަލް ތޫފާނުގެ ދަރަޖަ،" އޭނާ ވިދާޅުވިއެވެ.

މިތޫފާނުގެ ސަބަބުން ގެތަކާއި، ގަސްތަކާއި، ކަރަންޓް ވިއުގަ ހަލާކުވެ، ފުޅާ ދާއިރާއެއްގައި ގެއްލުންތަކެއް ލިބޭނެކަމަށް ލަފާކުރެވެއެވެ. އަދި ބައެއް ސަރަހައްދުތަކަށް 500 މިލިމީޓަރަށްވުރެ ގިނައިން ވާރޭވެހި، ފެންބޮޑުވުމުގެ ނުރައްކާވެސް ވަނީ ކުރިމަތިވެފައެވެ.