ފަލަސްތީނުގެ ދައުލަތެއް އެމީހުންގެ އަމިއްލަ ވަޠަނުގެ ބަދަލުގައި ސައޫދީ އަރަބިއްޔާގައި ޤާއިމުކުރެވިދާނެކަމަށް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ.

އޭނާ މިހެން ބުނެފައި ވަނީ ފަލަސްތީނުގެ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ ޙައްޤު އެއްކޮށް ނަފީކުރަމުންނެވެ.

Ad
rt

ބުރާސްފަތި ދުވަހު އިސްރާއީލުގެ ޗެނަލް 14 އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ، "ސައޫދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރެވިދާނެކަމަށާއި، އެމީހުންގެ އަތުގައި ވަރަށް ގިނަ ބިން އެބަހުރިކަމަށެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤަށް އެދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ނަތަންޔާހޫ ދެއްކި ވަރަށް ދަށުދަރަޖަައިގެ ވާހަކައެއެއް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ސައޫދީ އަރަބިއްޔާއާއެކު އިސްރާއީލްގެ ގުޅުން ރަނގަޅު ކުރުމަށްޓަކައި ފަލަސްތީނުގެ ދައުލަތެއް އޮތުން ބޭނުންތޯ އެހުމުން، ނެތަންޔާހޫ ވަނީ އެ ޚިޔާލު އެއްކޮށް ދޫކޮށްލައްވާފައިވާ ކަމަށް ބުނެފައެވެ. އަދި އެކަމަކީ "އިސްރާއީލުގެ ސަލާމަތަށް ނުރައްކަލެއް" ކަމުގައި އޭނާ ބުންޏެވެ.

"އޮކްޓޯބަރު 7 ގެ ހަމަލާ ދިންއިރު ފަލަސްތީނުގެ ދައުލަތެއް އޮތް. އެއަށް ކިޔަނީ ޣައްޒާ. ޙަމާސްގެ ބެލުމުގެ ދަށުގައިވާ ޣައްޒާއަކީ ފަލަސްތީނުގެ ދައުލަތެއް. އަދި ބައްލަވާ އަހަރެމެންނަށް ލިބުނު އެއްޗަކީ ކޮބައިތޯ،" ނެތަންޔާހޫ ބުންޏެވެ. މިއީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އިންކާރަމުން ނަތަންޔާހޫ ދެއްކި ބަހަނާއެވެ.

ނަތަންޔާހޫ ވަނީ ސައޫދީ އަރަބިއްޔާއާއެކު ގުޅުން ރަނގަޅު ކުރުމާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އަދި އެކަން ވަރަށް އަވަހަށް ވެގެންދާނެ ކަމަށް ލަފާކުރާ ކަމަށް ބުންޏެވެ.

"އަހަރެން ދެކޭގޮތުގައި އިސްރާއީލާއި ސައޫދީ އަރަބިއްޔާއާ ދެމެދު ސުލްޙަވެރިކަން ޤާއިމުކުރުމަކީ ނުވާނެ ކަމެއް ނޫން. އެކަން ވެދާނެ ކަމަށް އަހަރެން ޤަބޫލުކުރަން،" އޭނާ ބުންޏެވެ.

ނަމަވެސް، ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ނަތަންޔާހޫގެ ބަޔާން ދޮގުކޮށްފައެވެ. އަދި ފަލަސްތީނުގެ ދައުލަތެއް ޤާއިމުނުކުރެވޭހާ ހިނދަކު އިސްރާއީލާއެކު ގުޅުން ރަނގަޅު ކުރުމުގެ ވާހަކަ ދެއްކުމެއެއް ނޯންނާނެކަމަށް ބުނެފައެވެ.