މި އަހަރާއި، އަންނަ އަހަރުގެ ޤައުމީދުވަސް މުހިންމު މަޝްރޫޢުއެއްގެ ގޮތުގައި ހއ. އުތީމުގައި ފާހަގަކުރަށްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިން ވަނަ މަންޒިލެއްގެ ގޮތުގައި އުތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވިގޮތުގައި ޤައުމީ ދުވަސް ފާހަގަކުރުމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ކުރީގެ ސަރުކާރުތަކުން ވިސްނިގޮތާ ކުޑަކޮށް ތަފާތެވެ. ކޮންމެ ދައުރެއްގައި، އާންމު އުޞޫލަކީ ކޮންމެވެސް އެއް އަހަރަކު، އެކަމަށް ކޮންމެވެސްވަރެއްގެ ބަޖެޓެއް ހަމަޖައްސައިގެން، އާދައިގެ ގޮތަކަށް، އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރަމުން ދިޔުންކަމަށް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑުގެ ވިސްނުން ތަފާތު. އަޅުގަނޑު ގަޞްދުކުރަނީ، މުހިންމު މަޝްރޫޢެއް ގޮތުގައި އެކަން ކުރިއަށް ގެންދަން. މި މަރުކަޒާއި، މި ދެންނެވި ގަނޑުވަރާއި، އަދި މި ރަށުގައި ހުރި މުހިންމު ތަންތަނާއި، ތާރީޚީގޮތުން ޙިމާޔަތްކޮށް، ބަލަހައްޓަންޖެހޭނެ ތަންތަނާއި، އަދި ޤައުމީ ވިސްނުމެއްގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިދާނެ އެކިކަހަލަ ޕްރޮގްރާމްތަކާއި، މިކަހަލަ ކަންކަން ހިމަނައިގެން، ޤައުމީ މަޝްރޫޢެއް ގޮތުގައި މި ރަށުގައި ކަންތައްތަކެއް ކުރަން.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެގޮތުން ކުރެވޭ ކަންކަމުގައި، އެކަންކަމަށް ލެވޭ ބާރެއްގެ ގޮތުގައި، ބަޖެޓުގެ ގޮތުން ކަމުގައިވިޔަސް، އެހެނިހެން ވަސީލަތްތަކުގެ ގޮތުން ކަމުގައިވިޔަސް އަދި އެހެނިހެން ވަސީލަތްތަކުގެ ގޮތުން ކަމުގައިވިޔަސް، މިހާތަނަށް ސަރުކާރުތަކުން ނުދޭ ސަމާލުކަމެއް ދީގެން، ޖެހިޖެހިގެން ދެ އަހަރު، (މި އަހަރާއި، މި އަންނަ އަހަރު) ޤައުމީ ފެންވަރެއްގައި، ޤައުމީ ދުވަސް އުތީމުގައި ފާހަގަކުރަށްވާނެ ކަމަށެވެ.
''އެއީ، އަޅުގަނޑު ގަޞްދުކުރަނީ، ދެ އަހަރުގެ މަޝްރޫޢެއް ގޮތުގައި މިކަން ކުރިއަށް ގެންދަން. އޭގެ ނަތީޖާއަކަށް ވާނީ، އަޅުގަނޑުމެންނަށް ފިކުރީގޮތެއްގައި، މި ޤައުމީ ވިސްނުން، އަޅުގަނޑުމެންގެ ޤައުމުގައި ފެތުރުމުގައި، މި ރަށުން އަދާކުރެވޭނެ ފުރިހަމަ ދައުރު އަދާކުރުމުގެ މަގު ފަހިކޮށްދިނުން. އެކަމަށް އޮންނަ، ކޮށޭ މަގެއްގެ ގޮތުގައި، ކެޓަލިސްޓެއް ގޮތުގައި، މި ދެ އަހަރު، ޖެހިޖެހިގެން ދެ އަހަރު، ޤައުމީ ދުވަސް މިތާ ފާހަގަކުރަން މި ނިންމި ނިންމުމާ އެކީގައި، ކަންތައްތައް ފަހިވެގެންދާނެ ގޮތަށް ގެންދިޔުން.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!