ރ. މަޑުއްވަރީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިޚްތިޞާޞްގައި އެ އަތޮޅު ތާވަތާ ހިމެނުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސްގެ މި ނިންމެވުން ޢުލާންކުރެއްވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ މަޑުއްވަރީއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ.
ރައީސްގެ ވާހަކަފުޅުގައި މަޑުއްވަރީގައި ވަރަށް ގިނައިން ފައިބަރުގެ މަސައްކަތް، އިޤްތިޞާދީ މަސައްކަތްތައްވެސް ކުރަމުން އަންނަކަން ފާހަގަކުރަށްވާ، ރަށު ތެރޭގައި އިޤްތިޞާދީ މަސައްކަތްތަކަށް ހުރި ބިންތަކާއި، އަދި އެހެނިހެން މަސައްކަތްތަކުގެ ބޭނުންތަކަށް ބޭނުންކުރަމުން އަންނަ ތަންތަން، ރަށުން ބޭރަށް ބަދަލުކުރުމަކީ، ރަށުގައި ޖާގަ އެންމެ ބޮޑަށް އިތުރުކުރެވޭނެ ގޮތްކަން ވަނީ ފާހަގަކުރަށްވާފައެވެ.
މީގެ އިތުރުން ކެންސަރު ބަލިފަދަ ބަލިތައް މި އިތުރުވަނީ، ފައިބަރުގެ މަސައްކަތް ކުރުން ކަހަލަ ކަންތައްތައް ކުރާތީކަން ފާހަގަކުރަށްވައި، މަޑުއްވަރީގައި އެ ކަމުގެ މައްސަލަ ވަރަށް ބޮޑުކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެކަމަށް ޙަޤީޤީ ޙައްލެއް އަންނާނީ ޙަޤީޤަތުގައި މި ހުރިހާ ކަމަކަށްވެސް މާނަހުރި ޙައްލެއް ގެނެވުނީމާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، ތިޔަބޭފުޅުންގެ މިހިރަ ހުރިހާ މައްސަލައެއް ޙައްލުކުރެވޭ ގޮތަށް، "އުފުލަންދޫ"، މިރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނައިދޭން އަޅުގަނޑު ނިންމި ވާހަކަ. އިރާދަކުރެއްވިއްޔާ، އެކަމާ ގުޅޭ ޤާނޫނީ ލިޔެކިޔުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް، އެކަން ހަމަޖެހިގެންދާނެ.'' ރައީސް ވިދާޅުވިއެވެ.
އެކަން ހަމަޖެހުމުން، މަޑުއްވަރީ ރައްޔިތުންގެ އިޤްތިޞާދީ ހުރިހާ ކަމެއް، ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ނުޖެހޭނެ ހުރިހާ ކަމެއް، އެތަނަށް ބަދަލުކުރެއްވުމަކީ އެދިވަޑައިގަންނަވާގޮތްކަމަށް ރައީސް ވިދާޅުވިއެވެ. އެހައްލު ލިބުމުން ރަށަށް ބިން އިތުރުވެ، ގޯތިގެދޮރުގެ މަޝްރޫޢުތަކަށްވެސް ޖާގަ އިތުރުވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު މިހާރު ރ. އަތޮޅަށް ކުރަށްވާ ދަތުރުފުޅުގައި މިފަހަރު ވަޑައިގަންނަވަން ހަމަޖެހިފައި ނެތް ނަމަވެސް އެ އަތޮޅު މީދޫގެ ރައްޔިތުން ވެސް ބިމުގެ މައްސަލަ އޮތަތީ އެކަން ހައްލުކުރުމަށް އެރަށުގެ އިޙްތިޞާޞްގައި އެ އަތޮޅު ތާވަތާ ހިމަނައިދެއްވާނެކަމަށް ވިދާޅުވެފައެވެ.
''އަޅުގަނޑު މި ދަތުރުގައި ނުދާ ރަށެއް މީދުއަކީ. މީދޫގައިވެސް ބިމުގެ ޖާގައިގެ މައްސަލަ ވަރަށް ބޮޑު. އާންމުކޮށް އަޅުގަނޑު މި ދަތުރުތަކުގައި ނުދާ ރަށްރަށުގެ މަޝްރޫޢުތަކުގެ ވާހަކަ ނުދައްކަން. އެހެންނަމަވެސް، މީދޫ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައެއް، މި ނޭވާގައި. މީދޫގައިވެސް އޮތް މި މައްސަލަތައް ޙައްލު ކުރުމުގެ ގޮތުން، މީދޫގެ އިޚްތިޞާޞްގެ ތެރޭގައި "ތާވަތާ" ހިމަނަން އަޅުގަނޑު ނިންމި ވާހަކަ އިޢުލާނު ކޮށްލަން.'' ރައީސް ވިދާޅުވިއެވެ.
އެއާއިއެކު މީދޫގެ ތަރައްޤީއަށް އެ ރަށުގެ އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް، އެ ރަށުގެ ބޭނުން ހިފައިގެން، ކަންތައްތައް ދުރު ރާސްތާއަށް ހަމަޖެއްސުމަކީ، އެމަނިކުފާނު އެދިވަޑައިގަންނަވާގޮތްކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަމުގައި ރަށުގެ ރައްޔިތުންނާއި، ސަރުކާރާ ގުޅިގެން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވެސް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!