ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

Ad
rt

ރައީސްގެ ތިން ދުވަހުގެ މި ހުވަދުއަތޮޅު ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

ހުވަދުއަތޮޅު ދެކުނުބުރިން ރައީސް ވަޑައިގަންނަވާ ރަށްތައް

  • ހޯނޑެއްދޫ
  • ނަޑައްލާ
  • ވާދޫ
  • ފިޔޯރީ
  • ރަތަފަންދޫ

ހުވަދުއަތޮޅު އުތުރުބުރިން ރައީސް ވަޑައިގަންނަވާ ރަށްތައް

  • ކަނޑުހުޅުދޫ
  • ނިލަންދޫ
  • މާމެންދޫ
  • ދެއްވަދޫ

ރައީސްގެ މި ދަތުރުފުޅުގައި ގދ. ހޯނޑެއްދޫގެ ފެނާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެއެވެ.

މީގެ އިތުރުން ހުވަދުއަތޮޅުގެ ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރައްވައި، ހާލުއަހުވާލު އޮޅުންފިލުއްވައި، ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާއިރު، ގއ. މާމެންދޫ އަދި ގއ. ދެއްވަދޫ ކައުންސިލާވެސް ބައްދަލުކުރައްވައި އެ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރަށްވާނެކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.