މަސައްކަތް ކުރުމަށްފަހު އުޖޫރަ ނުދިނުމަކީ މިހާރު ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު މުސީބާތެއް ކަމަށާއި މިކަން ހައްލުކުރުމަށް ޚާއްޞަ ގާނޫނެއް ހަދަން ޖެހޭ ކަމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ.
ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިބްރޭ ވިދާޅުވެފައިވަނީ "ރާއްޖޭގައި ފަހަކަށްއައިސް ދިމާވާ އެންމެ ބޮޑު މުސީބާތަކީ މަސައްކަތް ކުރުމަށްފަހު އުޖޫރަނުދިނުމެވެ، ހައްގުއަދާނުކުރުމެވެ، އިންސާފު ނުލިބުން، މިކަމަށް ގާނޫނެއް ހަދަންއެބަޖެހޭ" ކަމަށެވެ.
އިބްރޭ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ގާނޫނަކީ ރައްޔިތުންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް ހަދާ އުނި އިތުރު ގެންނަ އެއްޗެކެވެ. މީގެ ކުރިން މިވަރަށް މިމައްސަލަ ނުދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
19 ވަނަ މަޖިލީހުގައި އިބްރޭ ޝާމިލްވެލެއްވި މަސައްކަތްތަކުގެ ތެރޭގައި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހެޅުއްވި ޤަރާރާއި، މަދަނީ އިޖުރާއަތުގެ ބިލު، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހިމެނެއެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ނައިބު ލީޑަރުކަން ވެސް އިބްރޭ ކުރެއްވި އެވެ.
މަސައްކަތުގެ އުޖޫރަ ނުދިނުމުގެ މައްސަލައަކީ ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. މިކަމާ ގުޅޭގޮތުން ޚާއްޞަ ގާނޫނެއް އެކުލަވާލުމަކީ މުވައްޒަފުންގެ ޙައްޤުތަކާއި މަސައްކަތް ކުރާ ކުންފުނިތަކުގެ ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!