ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުން ބާސާ ބަލިވެ ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރު އެ ޓީމަށް ކުރިމަތިވެއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ބާސާ ވަނީ ލަސް ޕަލްމާސް އަތުން 2-1 ގެ ނަތީޖާއިން ބަލިވެފައެވެ. މިއީ ބާސާގެ ދަނޑުގައި ލީގުގައި މި ސީޒަންގައި ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ ބާސާ ދަނޑުގައި ފާއިތުވި 53 އަހަރުތެރޭ ޕަލްމާސްއަށް ހޯދުނު ފުރަތަމަ މޮޅެވެ.
މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު ކުޅުނު 15 މެޗުން ހޯދި 34 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި ބާސާ އޮތްއިރު ދެވަނާގައި 15 މެޗުން 32 ޕޮއިންޓް ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ތިންވަނާގައި އޮތް ރެއާލަށް 13 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ. ރެއާލް މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ގެޓާފޭއާއި ދެކޮޅަށެވެ. މެޗު ހަމަވާއިރު ދެ މެޗުން ރެއާލް މޮޅުވެއްޖެނަމަ އެ ޓީމަށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލަސް ޕްލްމާސް އިންނެވެ. މި ލަނޑު 49 ވަނަ މިނެޓުގައި ޖަހައިދިނީ ސަންޑްރޯ ރަމިރޭޒް އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ރޮޑްރިގޭޒްގެ އެހީތެރިކަމާއިއެކުއެވެ. މެޗުގެ 61 ވަނަ މިނެޓުގައި ރަފީނިއާ ޖަހައިދިން ލަނޑު ބާސާއިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް 67 ވަނަ މިނެޓުގައި ލަސް ޕްލްމާސްގެ ފަބިއޯ ސިލްވާ ވަނީ ލަނޑުޖަހައި ދެވަނަ ފަހަރަށް އެ ޓީމަށް ލީޑު ހޯދައިދީފައެވެ. ކުރިއަށް ޖެހިގެން ނަތީޖާ އަނބުރާލަން ބާސާއިން މަސައްކަތްކުރި ނަމަވެސް މެޗުގެ ފަހުބައިގައި މޮޅަށް ޑިފެންސްކޮށް ޕަލްމާސް އިން ވަނީ ބާސާ ހިފަހައްޓާފައެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބާސާއަށް މޮޅެއް ހޯދިފައި ނުވެއެވެ. މި މަހު ފުރަތަމަ ކޮޅުގައި ރެއާލް ސޮސިއެޑާޑް އަތުން ބަލިވިއިރު އެންމެ ފަހުން ލީގުގައި ސެލްޓަ ވިގޯއާއި ބައްދަލުކުރި މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ރޭ މެޗުން މިވަނީ ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!