ޕާކިސްތާނުގައި އިންޓަނެޓް އަދި ވައިފައި ޚިދުމަތްތައް މެދުކަނޑާލަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ޕާކިސްތާނުގެ އެތެރޭގެ ކަންކަމާބެހޭ މިނިސްޓްރީން ބުނީ ހޮނިހިރު ދުވަަހުގެ ރެއިން ފެށިގެން އިންޓަނެޓް އަދި ވައިފައި ޚިދުމަތްތައް މެދުކަނޑާލާނެކަމަށެވެ. މި ފިޔަވަޅު އަޅާނީ އިސްލާމާބާދު، ރަވަލްޕިންޑީ، ލާހޯރު އަދި މުލްތާން ފަދަ ބޮޑެތި ސިޓީތަކުގައެވެ.

Ad
rt

މި ފިޔަވަޅުގެ ދަށުން މޯބައިލް ފޯނު ޚިދުމަތްތައް ކުރިއަށްދާނެ ނަމަވެސް، އިންޓަނެޓް އަދި ވައިފައި ޚިދުމަތްތައް ނުލިބޭނެއެވެ. މޯބައިލް ސިގްނަލް މެދުކަނޑާލުމާ ގުޅޭގޮތުން ނިންމުމެއް ނިންމާނީ ހާލަތު ބަދަލުވަމުންދާ ގޮތަކަށް ބަލައިގެންނެވެ.

މީގެ ކުރިން ލިބުނު ރިޕޯޓުތަކުގައި ބުނެފައިވަނީ ޕަންޖާބުގެ އެކި ސަރަޙައްދުތަކާއި، އިސްލާމާބާދު އަދި ޚައިބަރު ޕަޚްތުންޚްވާގެ ބައެއް ސަރަޙައްދުތަކުގައި އިންޓަނެޓް އަދި މޯބައިލް ޚިދުމަތްތަކަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

ނޮވެމްބަރު 22 ގައި ޕާކިސްތާނު ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން މޯބައިލް އިންޓަނެޓް ޚިދުމަތްތަކުގައި ފަޔަރވޯލެއް އެކްޓިވޭޓްކުރުމާ ގުޅިގެން އިންޓަނެޓް ލަސްވެ، ސޯޝަލް މީޑިއާ އެޕްތަކަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

ނެޝަނަލް ކައުންޓަރ ޓެރަރިޒަމް އޮތޯރިޓީ (ނަކްޓާ) އިން އިންޒާރެއް ދީފައިވަނީ ނޮވެމްބަރު 24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާން ތަހްރީކް-އެ-އިންސާފް (ޕީޓީއައި) ގެ އިހުތިޖާޖުގައި ފިތުނަ-އަލް-ޚަވާރިޖް ގްރޫޕުން ޓެރަރިސްޓް ޙަރަކާތްތަކެއް ހިންގުމުގެ ނުރައްކާ އޮތް ކަމަށެވެ.

ނަކްޓާ އިން ޕްރޮވިންޝަލް ސަރުކާރުތަކަށް އިރުޝާދު ދީފައިވަނީ އެންމެ ހަރުކަށި ސަލާމަތީ ފިޔަވަޅުތައް އެޅުމަށެވެ. އެ އޮތޯރިޓީން އިންޒާރު ދީފައިވަނީ ޕީިވަނީ ޕީޓީއައި ގެ އިހުތިޖާޖުގެ ތެރޭގައި ޚަވާރިޖުން ޓެރަރިސްޓް ޙަމަލާތަކެއް ދޭން މަސައްކަތްކޮށްފާނެ ކަމަށެވެ.

ނަކްޓާ އިން ނެރުނު އިންޓެލިޖެންސް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އަފްޣާނިސްތާނުން ޚަވާރިޖް މިލިޓަންޓުން ޕާކިސްތާނަށް ވަދެދާނެކަމުގެ ބިރު އޮތް ކަމަށާއި، އެމީހުން ބޮޑެތި ސިޓީތަކަށް ޓެރަރިސްޓް ޙަމަލާތަކެއް ދޭން މަސައްކަތްކޮށްފާނެކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.