ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރި ފަސް މީހުން ވެސް ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ފަސް މީހުން ބަންދުގައި ބައިތިއްބަން ނުފެންނާތީ ދޫކޮށްލީ ކަމަށެވެ.
މި މައްސަލާގައި ހދ. އތޮޅުގެ ރަށެއްގެ ދެ މީހުން ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ ޢާއިލާއިން ބުނެފައި ވަނީ އެމީހުން ހައްޔަރުކުރީ މީހަކު ރަހީނުކޮށްގެން ނޫންކަމަށެވެ.
އެމީހުންނާއި ޢާއިލީ މީހަކު ކަންހިނގިގޮތްކަމަށް ބުނެ މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، މި އަންނަ ޑިސެމްބަރަށް އެމީހުން އުޅޭ އެޕާޓްމަންޓުން ނުކުންނަން ޖެހޭތީ މީހެއް މެދުވެރިކޮށް އެޕާޓްމަންޓެއް ހޯދިކަމަށެވެ. އަދި އެ އެޕާޓްމަންޓް ކުއްޔަށް ނެގުމަށް 2 މަހަށް އެޑްވާންސްގެ ގޮތުގައި 24000ރ ވެސް ދިންކަމަށެވެ.
އެހެންނަމަވެސް އެ ލާރި ނެގުމަށްފަހު، ތަން ނުދީ ދޮގުހަދަމުން ދިޔުމުން ފައިސާ އަނބުރާ ހޯދަން މަސައްކަތްކުރި ކަމަށާއި، އެ ހާދިސާ ހިނގާފައި ވަނީ އަނބުރާ ފައިސާ ދޭނެކަމަށް ބުނެ ގެންގޮސް އޮޅުވާލުމުގެ ތެރޭގައި ކަމަށެވެ.
މިކަމުގައި ހައްޔަރުކުރި ކުމުންދޫ ދެ މީހުންނަކީ މީހަކު ރަހީނުކުރަން އުޅުނު ބަޔެއް ނޫންކަމަށާއި، އެމީހުން މަސައްކަތްކޮށްފައި ވަނީ އޮޅުވާލައިގެން ހޯދި ފައިސާ އަނބުރާ ހޯދަންކަމަށް ޕޯސްޓްގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!