ގްރޫޕަކުން ރަހީނުކޮށްފައި ހުއްޓާ ރޭ ސަލާމަތް ކުރި މީހާ ސަލާމަތް ކުރެވުނީ އިނގިލި ބުރިކޮށްލަން ތައްޔާރުވެފައި ވަނިކޮށް ކިރިޔާ ކަމަށް ފުލުހުން ބުނެފިއެވެ.
އެމީހާ ރަހީނުކޮށްފައި ހުރީ ހުޅުމާލޭ ފޭސް ދެއެއްގެ އެޗް9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގެ ތެރޭގައެވެ.
އެމީހާ ސަލާމަތްކުރުމަށްފަހު އެ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްފައި ހުރިކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލެޖެންސަށް ރޭ ލިބުމާއެކު އެމީހާ ސަލާމަތްކުރުމަށް ފުލުހުންގެ ގޭންގް ކްރައިމް އޮޕަރޭޝަން ޔުނިޓާއި، ހުޅުމާލޭ ޕޮލިސް ގުޅިގެން މަސައްކަތް ފެށިކަމަށެވެ. އަދި 10 ވަރަކަށް މިނެޓްތެރޭގައި އެމީހާ ރަހީނުކޮށްފައި ހުރި އެޕާޓްމަންޓް ދެނެގަނެވުނުކަމަށް ފުލުހުން ބުންޏެވެ.
''އަޅުގަނޑުމެންނަށް ޔަގީންވުމުން އެތަނުގެ ދޮރު ވައްޓާލާފައި ވަތް އިރުގައި މީހާގެ ބޯވެސް ބާލާފައި، ވަތް ޓީމުން ބުނި އޭނާގެ އިނގިލި ކިރިޔާއޭ ސަލާމަތްވީ، ބުރިކޮށްލަން އުޅެނިކޮންނޭ ވަދެވުނީ'' ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ، ރަހީނުކޮށްފައި ހުރި މީހާ ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފައިވާ ކަމަށާއި އަދި އެ އެޕާޓްމަންޓްގެ ތެރެއިން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހާދިސާގައި ރަހީނުކޮށްފައިވަނީ، ދިވެހި ފިރިހެނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!